ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 29 މިލިއަން ރުފިޔާ ނުނަންގަވާނެ ކަމަށް މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެއެވެ.

އަނދުން ހުސެއިން އެގޮތަށް ވިދާޅުވި ނަމަވެސް، މައުމޫން 29 މިލިއަން ރުފިޔާގެ ލޯނެއް ނެންގެވި ކަމަށް ވިދާޅުވެ، އެ ނުއްދަކަވާތީ ޖާބިރު ވަނީ މީގެކުރިން ނުރުހުން ފާޅުކުރައްވައިފައެވެ. އަދި އެންމެ ފަހުން އެ މައްސަލަަ ސިވިލް ކޯޓަށް ވެސް ހުށަހެޅުއްވިއެވެ. ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ދަރަންޏެއް މީހަކު ދައްކަން އޮތް ކަމަށްވާ ނަމަ، ދަރަނި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ. އަދި "އިފްލާސް" ވެގެންދިއުމަކީ އެއީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ކުންފުނި ވިޔަސް، މީހަކު ވިޔަސް، އަމިއްލަ ފަރުދަކު ވިޔަސް،" ދަރަނި އަދާކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވިއެވެ.

"މައުމޫން ވިދާޅުވަނީ ތިމަންނާ ދަރަންޏަށް ޒިންމާ ނުވާނަމޭ. ދެން ކިހިނެއް ހަދަނީ؟ މައުމޫން އަތުގައި ހުރި ގެދޮރާއި ދަރިންނާއި މި ހުރިހާ އެއްޗިއްސަކީ މައުމޫން ޒިންމާ އުފުލަން ޖެހޭ އެއްޗިއްސެއް ނޫންތޯ؟"

ޖާބިރުގެ މި ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި އަނދުން ހުސެއިން ވިދާޅުވީ ޖާބިރު ވާހަކަ ދައްކަވަނީ މަޖިލިހުގެ ގަވައިދުގެ 61 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި މައުމޫން ދަރާ އޮތް ކަމަށް ޖާބިރު ވިދާޅުވަނީ ކަނޑައެޅިގެން އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިހުގައި ނެތް ބޭފުޅަކަށް އެފަދަ ބަހުރުވައަކުން ވާހަކަ ނުދެއްކެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު، ކުރީގެ ރައީސް މައުމޫން ދަންނަން. ވަރަށް ގާތުން ދަންނަން. އެބޭފުޅާ ޖާބިރު އަތްޕުޅުން ލާރިއެއް ނުނަންގަވާނެ. ވައްކަމެއް ނުކުރޭ އެބޭފުޅާއެއް ޖާބިރު އަތްޕުޅަކުން. އެހެންވެ އެގޮތަށް ރައީސް މައުމޫނަށް މުހާތަބް ނުދެއްކެވޭނެ،" އަނދުން ހުސެއިން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ މައުމޫން، އޭނާގެ އަތުން ފައިސާ ނެންގެވި ކަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މައުމޫން ހުންނެވީ ވައްކަން ކުރައްވައިގެން ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

މައުމޫންގެ ދިފާއުގައި ހުސެއިން ނުކުންނެވުމާ ގުޅިގެން ވަރަށް އުފާ ކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ހާދަ ލޯތްބެކޭ ޕީޖީގެ ނައިބު ލީޑަރު އެ ވަނީ މައުމޫން ދެކެ. އަޅުގަނޑު ހާދަ އުފާވެއޭ. އެ ނޫން މީހަކު މައުމޫން ދެކެ ލޯބިވި ތަނެއް އަޅުގަނޑު ނުއެއް ދެކެން. އެހެންވީމަ ކުއްލިއަކަށް އަޅުގަނޑު ހައިރާން ވެސް މިވީ،" ޖާބިރު ވިދާޅުވިއެވެ.

މައުމޫން އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޖާބިރު ކުރިން ނިންމެވިއެވެ. މައުމޫނާ ދެކޮޅަށް ޖާބިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅުއްވީ އަނބުރާ ދައްކަވާ ގޮތަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ އޭނާގެ އަތުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ވިދާޅުވެއެވެ.

އެކަމަކު މި ތުހުމަތު މައުމޫންގެ އެމްއާރުއެމް އިން ވަނީ ދޮގުކޮށްފައެވެ.

މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އޭގެ ފަހުން އޭނާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީއެވެ. ޖާބިރު ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަނަމަނަ

    ތިޔަމަޖިލީހުގަ ގިނައިންތިބީ ކަރަޕްޓްވެފައިތިބިމޮޔައިން

    13
  2. އަނދުނޭ

    ކަލޭ މީހުން ލޮލުގަ އަނދުން އަޅުވަން ނޫޅޭ.

    11
    1
  3. ބީޖީ

    ބޮޑުމޮހޮރާ ކާލާފަ އަ ދިވެސް ލާރި ނު ދައްކާ.

    13
    1
  4. ރަނާ

    އަނދުން ހުސޭނަކަށް ނޭގޭނެ މައުމޫނު ވައްކަން ކުރިޔަސް ، ނުކުރިޔަސް،
    އެންމެ ފަހަރަކުވެސް ބުނެބަލަ، ތިމަންނައަކަށް ނޭގެޔޭ މައުމޫނު ވައްކަން ކުރިކަމެއް، މާތްﷲ އޭ ދެނެވޮޑިގެން ވާނީ،