ލ.ގަމު މީހެއްގެ އަތުން ކާށިދު ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް އިން ގަތް ދޯންޏަކަށް އަގު ދައްކާފައި ނުވާތީ އެ ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރަން ލ.ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުމުން އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ މައްސަލަ ޖާބިރު ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.

ވަގުތަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ، ލ.ގަން ތުނޑީ އިހުރާމުގޭ އިދުރީސް ޙުސައިންގެ އަތުން ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކުލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަނެފައިވާ "ފަސްކުރި" ނަމަކަށްކިޔާ ދޯނި އަނބުރާ އިދުރީސް އާއި ހަވާލު ކުރަން އަންގާ ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ރަނގަޅަށް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"އިދުރީސް އާއި އަޅުގަނޑާއި ވާހަކަ ދެކެވެމުން ދަނިކޮށް ނުވެސް ބުނެ މި މައްސަލަ ކޯޓަށް ލާފައި، ރިޗްކްލަބް މޯލްޑިވްސް އަށް މައްސަލަ ހުށަހެޅިކަން ނުވެސް އެނގި ވަކީލަކު އައްޔަން ކުރަން ފުރުސަތު ނުދީ މި މައްސަލަ ކުރިއަށް ގެންގޮސް ނިންމީމަ މައްސަލައަކީ. ދެން ދޯނި އޮތީ މިކޮޅުގައި. މީގަ ރިޗްކްލަބްގެ ބަހެއް ނުހޯދާ، ލ.އަތޮޅުގައި ހުރި ތަނަކުން މިކަން މިގޮތަށް ކުރީމަ ނުފޫޒު އޮތް ކަމަށް މި ބެލެވެނީ." އޭނާ ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައި ވާއިރު ގަމު މެޖިސްޓްރޭޓް ކޯޓަށް އިދުރީސް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ "ފަސްކުރި" ދޯނީ، ގަނެ ވިއްކުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންވާގޮތުގެ މަތިން އިދުރީސް އަށް ދޭން ޖެހޭ ފައިސާ ދީފައި ނުވާކަމަށެވެ.

އަދި އެ ދޯނި ގަތުމުގެ އެއްބަސްވުމާއި އެއްގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް އިންޖީނު އަގު އަދާކޮށްފައި ނުވާތީ، ދޯނި ގަންނަން އަދާ ކުރަން ޖެހޭ އަގާއި އިންޖީނުގެ އަގު ދެއްކުމާ، މައްސަލަ ރައްދުވާ ފަރާތުން ޚިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުމާ މައްސަލަ ރައްދުވާ ފަރާތުން ޚިލާފްވެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމުގައި ކަނޑައަޅާ ދިނުމަށް އިދުރިސް ވަނީ ގަމު މެޖިސްޓްރޭޓް ކޯޓުގައި އެދިފައެވެ.

އަދި އެ ދޯނި އަނބުރާ ހަވާލުކުރުމާ ހަމައަށް ހިނގާފައިވާ ދުވަސްތަކަށް ގަންނަ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ދޯނީގެ ކުލީގެ ގޮތުގައި އިދުރީސަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅުއްވައިދެއްވުމަށް އިދުރީސް އެދުނެވެ.

މީގެ އިތުރުން ރިޗްކްލަބްގެ ފަރާތުން އެމްޓީސީސީ އަށް އިންޖީނުގެ އަގު އަދާނުކުރުމުގެ ސަބަބުން މައްސަލަ އިދުރިސް އާއި ދޯނި ހަވާލުކުރުމާ ހަމައަށް ހިނގާފައިވާ އެންމެހައި ދުވަސްތަކަށް ވެފައިވާ ޖޫރިމަނާއަކީ ވެސް ރިޗްކްލަބުން ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅުއްވައިދެއްވުމަށް އޭނާ އެދުނެވެ.

އެ މައްސަލައިގައި އިދުރީސް ވަނީ ދޯނީގެ އަގު ދައްކާފައި ނުވާތީ ދޯންޏާ، ހަވާލުވުމަށް ކުރެވުނު މަސައްކަތުން ތިން ވަނަ ފަރާތަކުން ދޯނީގައި ތިބެ ދޯނިން ފޭބުމަށާއި، ދޯނީގައިވާ ތަކެތި ބެލުމަށް ދެކޮޅުހަދަމުން ގެންދާތީ، މައްސަލަ ހުށަހަޅާ ފަރާތަށް ލިބެމުންދާ ގެއްލުން ކުޑަކޮށް އިޔާދަ ނުކުރެވޭފަދަ އިތުރު ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ. އެހެންކަމުން ތިންވަނަ ފަރާތަށްވެސް ނުވަތަ އެނޫން ފަރާތަކަށްވެސް ދޯނީގައި ނުތިބެވޭނެކަމަށް އަންގައި އަމުރުކޮށްދިނުމަށް އިދުރީސް އެދުނެވެ.

އެ މައްސަލައިގައި ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން ފަސްކުރި ދޯނި، އެދޯނީގެ ވެރިފަރާތްކަމުގައިވާ އިދުރީސް އާއި ހަވާލުކުރުމަށެވެ. އަދި ދޯނީގައިވާ އެންމެހައިތަކެތި ވަގުތުން ހަވާލުކުރުމަށް ރިޗް ކުލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި ޢަމުރުކޮށްފައެވެ.

އަދި މިވަގުތު ދޯނީގައި ތިބި އެންމެހައި ފަރާތްތައް، އެ ފަރާތެއްގެ އަމިއްލަ އެއްޗެއް ދޯނީގައި ހުރިނަމަ ދޯނީގެ ވެރިފަރާތުގެ ހުއްދައާއެކު، އެފަރާތެއްގެ ތަކެއްޗާއެކު މި އަމުރު ލިބޭތާ ގިނަވެގެން 6 (ހައެއް) ގަޑިއިރުގެ ތެރޭގައި ދޯނިން ފޭބުމަށް އެފަރާތްތަކަށް އަންގާ ކަމަށް އެ އަމުރުގައި ބުނެއެވެ

ހަމައެހެންމެ އެ އަމުރާއި އެގޮތަށް ދޯނީގައި ތިބި ފަރާތްތަކުން ޢަމަލު ނުކޮށްފިނަމަ، މި އަމުރު ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    އަދުލުވެރިކޮށް ހުކުމްތައް ކުރަން ނުކެރޭވަރަށް އަދުލުވެރިކޮށް ހުކުމްކުރާ ޤާޟީންނަށް ފިޔަވަޅުއެޅުމަކީ ބިރުވެރިކަމެއް. ﷲގެ ކޯފާއަށް ބިރުވެތިވޭ.

  2. ބެއްޔާ

    އަމުރުގޯސްނަމަ ހުށަހަޅަންޖެހޭނީ މަތީކޯޓަކަށް. ޖުޑިޝަރީއަކަށްނޫން ނުވަތަ މެޖިސްޓްރޭޓް ވަކިކުރާކަށްނޫން. ނުފޫޒުފޯރުވަނީ ކާކުކަން ވަރަށް ސާފުވެއްޖެ.

  3. ދސަ

    އަމުރުގޯސްނަމަ ހުށަހަޅަންޖެހޭނީ މަތީކޯޓަކަށް. ޖުޑިޝަރީއަކަށްނޫން ނުވަތަ މެޖިސްޓްރޭޓް ވަކިކުރާކަށްނޫން. ނުފޫޒުފޯރުވަނީ ކާކުކަން ވަރަށް ސާފުވެއްޖެ.