ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ނުތިއްބަވާ ގޮތަށް ގާނޫނު އަސާސީގައިވާ އެ ކޮމިޝަންގެ އެކުލަވާލުމުގެ މާއްދާއަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްނުވެ ބިލް ބޭރުކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 50 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ކޮޅަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ބިލްގެ އިބްތިސާދީ ބަހުސްގެ މަރުހަލާ ފެށީ ވެސް މިއަދުގެ ޖަލްސާއެވެ. އިބްތިސާދީ ބަހުސްގައި އެމްޑީޕީގެ މެންބަރަކު ބައިވެރިއެއް ވެސް ނުވެއެވެ. ބިލަށް ވާހަކަ ދެއްކެވީ ޕީޕީއެމްއާއި ޕީއެންސީގެ ބައެއް މެންބަރުންނާއި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖޭއެސްސީ އެކުލެވުން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ހުށަނާޅާ ލަސްކުރަމުން ދަނިކޮށް، އިދިކޮޅުން ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލާފައިވާއިރު ޖޭއެސްސީ ކުރިން އެކުލެވުމާ އެކު އެމްޑީޕީގެ އިސް ބޭފުޅުން އެ ކޮމިޝަންގައި ތިއްބަވައިގެން ކުރިއަށް ދާތީ އެމްޑީޕިއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅުއްވާ ފަރާތަކާއި، ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިންނަވާނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ގާނޫނީ ވަކީލަކު ވެސް ޖޭއެސްސީ އިންނަވަން ޖެހެއެވެ.

އެހެންކަމުން ޖޭއެސްސީގައި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރުގެ ގޮތުގައި މަސްތޫރު ހުސްނީއާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް އިންނަވައެވެ. ޖޭއެސްސީގައި ވަނީ އެމްޑީޕީގެ މެޖޯރިޓީއެކެވެ.

ޖޭއެސްސީގައި އިންނަވައިގެން ޝަރުއީ ކޯޓުތަކަށް ރައީސް ނަޝީދާއި އެމްޑީޕީގެ ބޭފުޅުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. އެކަމަކު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖޭއެސްސީގައި އެމަނިކުފާނު އިންނަވައިގެން ނާއީންސާފުން ވަކި މީހަކަށް އަނިޔާ ދިނުމުގެ އަމަލެއް ނުހިންގަވާނެ ކަމަށެވެ.

ރައީސް ނަޝީދު ކޮންމެހެން ޖޭއެސްސީގައި މި ދަނޑިވަޅު އިންނަވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ޖޭއެސްސީ އިން އެމަނިކުފާނު ދުރުވެއްޖެނަމަ ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމަށް ވިދާޅުވިއެވެ. އެއީގައުމަށް ލިބޭނެ އެންމެ ބޮނޑި ކަމުގައި ސިފަކުރައްވާފައިވެއެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުނުކޮށް ލަސް ކުރަމުންދާއިރު އެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު އެހެން ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވެސް އެ ވައުދުފުޅު ބަޔާންކޮށްފައިވެއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ދިރާސީ ބަންޑާރަ ނައިބުގެ އޮފީހުން ކުރިއަށްދާ ކަމާއި އެމްޑީޕީގެ އެޖެންޑާގައި އެ މަސައްކަތަކީ އެންމެ ފަހަށް އޮތް މަސައްކަތެވެ. އޭގެ ދިރާސާ ކުރެވެމުންދާ ކަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަނަމަނަ

    ޖޭއެސްސީގަތިބީ މަކަރުވެރިހިޔަޅުންތަކެއް ބޭރުކުރޭ

    25
  2. ައަނިޔާވެރި ސަރުކާރު

    ހަހަ

    10
    2
  3. ދުންތަރި

    ޤައުނާ ދީނާ ރައްޔިތުންނަށް ފައިދާހުރި ޢަދުލު އިންސާފަށް ބާރުލިބޭ ކޮންމެ ބިލަކަށް ލާދީނީ އެމްޑީޕީން ދެކޮޅުހަދާނެ އެއީ ވަރަށް ސާފުކޮށް 19 ވަނަ މަޖިލީހުން ދައްކަމުންދާ ޙަޤީޤަތެއް ލާދީނީ އެމްޑީޕީން ކޮންމެ ބިލެއް ހުށަހެޅިޔަސް ކޮންމެ ޤާރަރާރެއް ހުށަހެޅިޔަސް ލާދީނީ އެމްޑީޕީ ބޭނުންވާކަމަކަށް މަގުފަހިވާ ބިލެއް އެހެން މެމްބަރަކު ހުށަހެޅިޔަސް ބަލައިގަނެ ބަހުސްވެސްކުރެވޭ އަދި އެކަމަެއް މަޖިލީހުން ފާސްވެސްކުރޭ މީ ރައްޔިތުންގެ ޙައްޤުގައި އަދުލު އިންސާފު ޤާއިމުކުރުމަށް ޙައްޤުވާމިންވަރު ހޯދައިދޭން ހަމަހަމަކަމާ އިންސާފު ހޯދައިދޭން ވަޢުދުތަކާ އަހުދުތައްވެގެން ގެނައި ސަރުކާރުގެ މަކަރުވެރި ލާދީނީ ރޭވުންތެރިކަންހުރިމިންވަރަކީ ރައްޔިތުން މިކަންކަން ވަރަށް ގާތުން ބަލްންޖެހޭ

    19
  4. ބޯގޯސް

    ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް

    11
    3
  5. ހުސޭނުބޭ

    ބުއްޅަބޭ ކުރިން ކިޔާއުޅުނު ޖުޑިޝަރީ މިނިވަންކުރުމަކީ ހުރިހައި ތަނެއްގައިވެސް އޭނާގެ އައުވާނުން ބައިތިއްބުން!

    19
    1
  6. ސްކިޕަރ0101

    ޖުޑީޝަލް ސާވިސް ކޮމިޝަން އޮންނަން ޖެހޭ ގޮތަކީ މިއީ، ކޮންމެހެން އިނގިރޭސިވިލާތާއި، އިންޑިއާއާއި އެމެރިކާފަދަ ޢައިރު މުސްލިމް ގައުމުތައް ކޮޕީކޮށްގެން އެވަރުކަމެއް ނެތިގެން އުޅޭކަށް ނުޖެހޭ،
    1. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އިސްލާމީއެކު ޝަރީޢަތާއިއެކު ގާނޫނު ކިޔަވައިގެން ހުރި މީހެއް
    2. ރައްޔިތުންގެ ތެރެއިން ހޮވޭ، އިސްލާމީ ޝަރީޢަތާއިއެކު ގާނޫނު ކިޔަވައިގެން ހުރި މީހެއް
    3. ފަނޑިޔާރުންނާއި ގާޒީންގެ ތެރެއިން ހޮވޭ އިސްލާމީ ޝަރީޢަތާއިއެކު ގާނޫނު ކިޔަވައިގެން ހުރި ފަނޑިޔާރެއް
    4. އިސްލާމީ ޝަރީޢަތުގެ ރޮނގުން މަތީތައުލީމު ހާސިލްކޮށްފައިވާ ދީނީ ޢިލްމުވެރިއެއް
    5،6. ޑޮކްޓަރުންނާއި، ޓީޗަރުންންފަދަ ފަންނީ މީހުންގެ ތެރެއިން ހޮވޭ 2 މީހެއް
    7. ރައްޔިތުންގެ މަޖިލީހުން ހޮވޭ އިސްލާމީ ޝަރީޢަތާއިއެކު ގާނޫނު ކިޔަވައިގެން ހުރި މެމްބަރެއް.

  7. ސަންގޯރު އަހުމަދު

    އެބޭ ފުޅުން ގެ ވައުދެއް މީ އެކަމު ވެންޓިލޭޓަރޭމެން ވެސް ވޯތުވެސް ނުދީ ބޭރުކޮށްލީ

  8. ދެކުނުތަރި

    އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސްް މެންބަރުން މުޅިދުނިޔެއަށް އެދެއްކީ ޝަރުޢީ ދާއިރާ އަޅުވެތިކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓުމެއްނެތި އެމްޑީޕީން ކުރިއަށް ގެންދާނެކަން

  9. ކަނީރު

    ބާރުއޮތްދުވަހު ގާނޫނުތައް ބަދަލުކުރީމަ ރީތިއެއްޗެއް ވެއްޖެންނު. ޢަހަރެންނަމަ އެޖެންޑާވެސް ނުކުރީމުސް