މަސްތުވާތަކެއްޗާއި،ފޭރުމާއި، ވައްކަމުގެ މައްސަލަތައް އިތުރުވެ އެފަަދަ މައްސަލަތަކާއި ދެކޮޅަށް ށ. ފޭދޫ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުން އެބަ ދެއެވެ.

އެރަށު މީހުން ބުނާގޮތުގައި، އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރެއެވެ. އަދި ރޭވެސް އެރަށުގައި ކަތިވަޅި ހިފައިގެން ގޮސް ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް "ވަގުތު"އާ ވާހަކަަދެއްކި އެރަށު މީހަކު ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މުޒާހަރާގެ ބައިވެރިއަކު ބުނީ، އެމީހުން މުޒާހަރާ ކުރުމަށް ނުކުމެފައިވަނީ މިއަދު މެންދުރު 13:30 އެހާކަންހާއިރު ރަށުގެ ފުޓްބޯޅަ ދަނޑު ސަރަހައްދަށް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ރަށުގެ އެކި ގެއިން ތޫނު ހަތިޔާރު ބޭނުން ކޮށްގެން ވައްކަން ކުރަމުން އަންނަތާ ހަފްތާއެއް ވަރު ވެދާނެ ކަމަށާއި މިއަދު އެގޮތަށް މުޒާހަރާ ކުރުމަށް ނުކުމެފައިވަނީ ރޭގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ކަމަށެވެ.

ވައްކަން ކުރަން ރޭ ބަޔަކު މީހުން ވަދެފައިވަނީ އެކަނި ދިރިއުޅެމުން އަންނަ އަންހެނަކު އުޅޭ ގެއަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެގެއިން އެއްވެސް އެއްޗެއް އެމީހުންނަށް ލިބިފައެއް ނުވެއެވެ.

އެހެންވެ އެގޭގައި ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާކަމަށްވެސް އޭނާ ބުންޏެވެ.

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވާތީ ށ. ފޭދޫގައި މުޒާހަރާ ކުރަނީ - ފޮޓޯ: ކިޔުންތެރިއެއް

އޭނާ ބުނީ، އެގޮތަށް ވައްކަން ކުރާ މައްސަލަ މިއަދު ފޯކައިދޫ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް ފުލުހުން ވިދާޅުވީ، އެންމެ އަވަހަށްވެސް އެމައްސަލަ ބެލޭނީ މާދަމާ ކަމަށެވެ. އެގޮތަށް ފުލުހުން ހާމަކުރިޔަސް ރަށުގެ ރައްޔިތުން ބޭނުން ވަނީ މިއަދުން މިއަދަށް އެކަންކަމަށް ހައްލެއް ކަމަށް އެ މީހާ ބުންޏެވެ..

"މިކޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެކަން ކުރަނީ ކައިރި ރަށްރަށުން ލޯންޗުން އެތަކެތި ގެނެސް ފާޅުގައި. ވައްކަން ކުރާމީހުންވެސް މިހާރު އެކަން ހައްދުން ނައްޓާލައިގެން އުޅޭނީ. މިދިޔަ 3 ދުވަހު ވައްކަން ކުރަން މިމީހުން ބޭނުން ކޮށްފައި ހުންނަނީ ތޫނު ހަތިޔާރު." ވަގުތު އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާ ބުނީ، ސީދާ އެކަން ކުރާ ބަޔަކު ނޭނގުނަސް އެރަށު ރައްޔިތުންނަށް އަބަދުވެސް އެކަމެއް ކުރަނީ ކޮންބައެއްކަން ލޭބަލް ވެފައި ހުންނަ ކަމަށެވެ.

"ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް އެކަމާއި މަޝްވަރާ ކުރި. ރައްޔިތުން ބޭނުންވަނީ މިކަން ހުއްޓުވަން. މިހާރު ޕޮލިހުންނަކަށް އެކަމެއް ނުހުއްޓުވުނު. އެކަމާއި ހިތްހަމަ ނުޖެހިގެން ރައްޔިތުން މިހާރު ޝުއޫރު ފާޅު ކުރަމުން ދަނީ" އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު "ވަގުތު" އަށް ވިދާޅުވީ އެރަށުގައި އެޅެނީ ހަމަ އެކަނި އެ ދެ މައްސަލަ ނޫން ކަމަށާއި ހަށިވިއްކާ އަންހެނެއްގެ މައްސަލަވެސް މިހާރު ފެންމަތިވެފައިވާ ކަމަށެވެ.

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވާތީ ށ. ފޭދޫގައި މުޒާހަރާ ކުރަނީ - ފޮޓޯ: ކިޔުންތެރިއެއް

ޝާމިރު ވިދާޅުވީ، މިއަދު މުޒާހަރާ ކުރުމަށް ނުކުމެފައިވަނީ އެކަންކަމަށް ހައްލެއް ހޯދޭނެ ގޮތެއް ނެތިގެން ގޮތް ހުސްވެގެން ކަމަށާއި ކައުންސިލުން ފޯކައިދޫ ފުލުހަށް މައްސަލަ ހުށަހެޅިއަސް އެއްދުވަސް ދެދުވަސް ވަރު އެ މައްސަލައެއް ނުބެލި ހިނގައިދާ ކަމަށެވެ.

"މިރަށަކީ ފެށުނީއްސުރެ ފުލުހުންގެ ހިދުމަތް ގާއިމު ކުރަން މަސައްކަތް ކުރާ ރަށެއް. އެވެސް ހަމަ ނުވެ ނުވެ މިދަނީ. އެހެންވީމާ ހުރިހާ މައްސަލައެއްވެސް ކައުންސިލުން ހަމަ ބަރާބަރަށް ފޯކައިދޫ ސްޓޭޝަނަށް ރިޕޯޓް ކުރޭ." ޝާމިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބޮރޮ

  އެމްޑީޕީ ދަންނަ އެއްޗެއް ނޫން އަދުލު އިންސަފަކީ. އެއީ މިގައުމުގައި ހުޅު ޖެހި ބޮޑު މުޖުރިމުން

  2
  1
 2. ޅަބޭ

  ރާއްޖެތެރޭ މީހުންގެ 7 ކުޅަނދު މަދުވާނެ.

 3. ކައުންސިލަރު

  ފޭދޫ ރައްޔިތުން ހޮވާފަ ހުރި ކައުންސިލަރަކީ އެ ބޮއެ ވިއްކާ މީހެއް. ޕާޓީ އަށް ގޮނޑި ދީ މީދާކޭ އުނބެއް އޮތަސް ހޮވީމަ ވާނީ ތިހެން