ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލާއި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގަމިއްޔަތުގެ އަސާސްތައް ހިފަހައްޓާ ދެމެހެއްޓުމަށްޓަކައި، އެންމެ އިސް ވާޖިބަކީ އިދިކޮޅު ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތަށް އިސްކުރުން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްއަށް ނުވަ އަހަރު ފުރުން ފާހަގަކޮށް ނެރުނު ބަޔާނުގައި ވަނީ، ޕީޕީއެމްގެ ނުވަ ވަނަ އަހަރީދުވަސް ބައްދަލުކުރާއިރު، ޕާޓީގެ ލީޑަރު ރައީސް ޔާމީން ޖަލުގައި ޤައިދުކޮށް، މިސަރުކާރުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ކުށްވެރިކުރާ ކަަމަށް ބުނެފައެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޔާމީންގެ ފަސް އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ ފަސް އަހަރު ކަމަށެވެ.

އަދި ޕީޕީއެމްއަކީ ކުރުމުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ސިޔާސީ ޕާޓީ ކަމަށާއި، މިވަގުތު ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރައީސް ޔާމީންގެ މޭސްތިރި ކަމުގެ ދަށުން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ޒިއްމާދާރުކޮށް، ރައްޔިތުންގެ އަޑު ވަރަށް ގާތުން އަހަމުން ގެންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ޕާޓިން ބުނީ، މިއަހަރު ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ޕާޓީގެ ނުވަ ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަޅި ދައިތަ ދައިތާ

    އަމިއްލަ ހާލައިގެން ވެރި ކަމެއް ކުރެވޭނީ ހަމަ އެ ކަނި ތިިޔަ ޕާޓީ އައް
    ދެން ތިބޭނީ ކޮންމެވެސް ބަޔަ ކު ގައިގައި އެލިގަނެގެން އަރާ ބޮޑު ކަރާ ފަޅަން ބުނާމީހުން