ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި ދެން އޮންނަ އަޑުއެހުމުގައި މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ކަނޑައަޅައިފިއެވެ.

އޮންލައިންކޮށް ސުޕްރީމް ކޯޓުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ވިދާޅުވީ މި މައްސަލާގައި ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައާ މެދު ގޮތެއް ނިންމަވާ ހުކުމް އިއްވަވާނެ ކަމަށެވެ. އެކަމަކު ދެން އަޑުއެހުން އޮންނާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މަޖިލީހުގެ މެންބަރު ކަމުން ޔައުގޫބް ވަކިވެފައިވާ ކަން ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި އަހްމަދު ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. އެއީ އޭނާ ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ދާދި ފަހުން ހަވާލުވުމުން ހުށަހެޅި މައްސަލައެކެވެ.

ޔައުގޫބްއަށް އެފަދަ މަގާމަކާ ހަވާލުވެވިދާނެ ކަމާ މެދު ގާނޫނީ ސުވާލުތަކެއް ގާނޫނީ ބައެއް ވަކީލުން އުފެއްދެވުމުން ޔައުގޫބް ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ފަރާތުުން ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒު ކުރެއްވިއެވެ. ދައުލަތުގެ ބާރުތައް ވަކިކުރުމުގެ މަހްފޫމްއާއި، ޔައުގޫބް ހުންނެވި މަގާމާއި، އެ މަގާމުގެ ސަބަބުން މަޖިލީހުގެ ކަންކަމާއި ސަރުކާރުގެ ކަންކަމަށް ނުފޫޒު ފޯރުވޭނެތޯއާއި، ސަރުކާރުން އުޖޫރަ ދިނުމުން އޭނާގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވޭނެތޯ ފަދަ ސުވާލުތައް އޭގެ ތެރޭގައި ހިމެނެއެވެ.

މި ސުވާލުތަކުގެ ޖަވާބުގައި ޔައުގޫބްގެ ވަކީލުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ތިބޭ ކަމަށެވެ. އެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ހިއުމަން ޓްރެފިކިން ވިލަރެސް ކުރާ ކޮމިޓީގައި ތިބޭ ކަމަށް ފާހަގަކުރިއެވެ.

ދައުލަތުގެ ފަރާތުން އުޖޫރައެއް ނުވަތަ އިނާޔަތެއް ލިބުމަކީ ނުފޫޒު ފޯރުވޭނެ ކަމެއް ކަމުގައި ނުދެކޭ ކަމަށް ޔައުގޫބްގެ ވަކީލުން ވިދާޅުވިއެވެ. މި ގޮތުން ދައުލަތުގެ ފަރާތުން ފަނޑިޔާރުންނަށް އުޖޫރަ ލިބޭ ކަމާއި އެއީ މަސްއޫލިއްޔަތު އަދާ ކުރުމަށް އޮންނަ އުޖޫރައެއް ކަމެވެ.

ކުރީގެ ބައެއް ރައީސުންނަށް ވެސް އިނާޔަތް ލިބޭ ކަމާއި އޭގެ ތެރޭގައި އޭރެއްގެ ސަރުކާރާ ވަރަށް ދެކޮޅު ބޭފުޅުން ވެސް ތިއްބަވާ ކަމަށް ޔައުގޫބްގެ ވަކީލުން ވިދާޅުވިއެވެ. ގާނޫނުގައި ކަނޑައެޅިފައި އޮންނަ ހަމަތަކުގެ ތެރެއިން އިނާޔަތް ދިނުމަކީ ނުފޫޒެއް ނޫން ކަމަށާއި އެއީ ވަކި ކަމެއް ޝަރުތުކޮށް ގާނޫނުތަކުގެ ބޭރުން ހާއްސަ ކަމެއް ހަމަޖެއްސުން ކަން ފާހަގަކުރެއްވިއެވެ.

ޔައުގޫބް ހަވާލުވި އިންސްޓިޓިއުޓަކީ ދައުލަތުގެ އެހެން މުސްތަގިއްލު މަގާމުތަކާ ހިލާފަށް ވަކި ފަންނީ ދާއިރާއެއް، އެ ދާއިރާގެ ބޭފުޅުން އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ ހަމަތަކެއްގެ ތެރެއިން ވުޖޫދު ކުރި ގާނޫނަކުން އުފެދިފައިވާ އިންސްޓިޓިއުޓެއް ކަމާއި އެ އިންސްޓިއުޓްގެ ކައުންސިލް ނޫނަސް މެންބަރު ކަމުގައި ކޮންމެ އޮޑިޓަރަކު ތިބުން ލާޒިމް ކަން ފާހަގަކުރެއްވިއެވެ.

ރައްދުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ގާނޫނީ ވަކީލުން ވިދާޅުވީ ޖޭއެސްސީއާއި ވިލަރެސް ކޮމިޓީތަކުގައި މަޖިލީހުގެ މެންބަރުން ތިބުމަކީ ގާނޫނު އަސާސީއިންނާއި ގާނޫނުތަކުން އެ މެންބަރުންގެ މައްޗަށް މަތިވެފައިވާ ޒިންމާއެއް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރުމުގެ މަގާމެއް ކަމަށާއި އެ ކަމާ މި މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ.

ދައިލަތުގެ ފަރާތުން އިނާޔަތެއް ލިބުނަސް އަދި ނުލިބަސް މަޖިލީހުގެ މެންބަރަކު ކުރުން މަނާ ކަމެއް ކޮށްފިނަމަ އެ މެންބަރު ކަން ގެއްލޭނެ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. އަދި އިނާޔަތް ލިބުމުން ނުފޫޒު އަންނަ މަގާމެއް ވިޔަސް އަދި ނާންނަ މަގާމެއް ވިޔަސް ގާނޫނު އަސާސީން މަތި ނުކުރާ ދައުލަތުގެ އެހެން ވަޒިފާއެއް އަދާ ކުރުމަކީ މަނާ ކަމެއް ކަން ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާ ތަކުރާރުކޮށް އެ ފަރާތުގެ ވަކީލުން ވިދާޅުވިއެވެ.

މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް މި މަޖިލީހުގެ އެއްވެސް މެންބަރެއްގެ މެންބަރު ކަމުގެ މަގާމު ގެއްލިފައެއް ނުވެއެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގައި 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދަވައި ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅާފައިވެސް ވެއެވެ. އެއީ ހައި ކޯޓުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް ކަނޑއެޅުމަށް ކުރި އަމުރެކެވެ. ފަހުން ސުޕްރީމް ކޯޓުން ކަނޑައެޅީ ގޮނޑި ނުގެއްލޭ ކަމަށެވެ. އެއީ ގޮނޑިގެއްލުނު ކަމަށް ކަނޑައަޅާފައިވަނީ ވެސް ހައި ކޯޓުގެ އަމުރާ ހިލާފަށް ކަން ސުޕްރީމް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

ސަތާރަ ވަނަ މަޖިލީހުގައި ވެސް ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ބައި އިލެކްޝަން ވެސް ބާއްވާފައިވެއެވެ. ގޮނޑި ގެއްލުނު ބައެއް މެނބްަރުން ބައި އިލެކްޝަންސްގައި ނަކާމިޔާބުވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޫޓުވާ

    ހުސްނުއްސުޢޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއް. ސްޕްރީމްކޯޓުގައިތިބީ އެއްފިކުރެއްގެ އެއްކުލައެއްގެ ސިޔާސީމީހުން. ޔައުގޫބުގެ ގޮނޑިއެއް ނުއެއްގެއްލޭނެ. ސްޕްރީމްކޯޓުން ނިންމީމަ ދެންދާނެތަނެއް ނޯންނާނެ. ޤާނޫނުއަސާސީއަކީ ބާރުގަދަމީހުންނަށް ތަބާވާގޮތަށް ހެދިފައޮންނަ އެއްޗެއް. ސްޕްރީމްކޯޓު ބެންޗައި ދެކޮޅުމީހެއްނަމަ ޤާނޫނުގެ ބާރުގަދަކަން ފެންނާނެ.

    3
    1