އައްޑޫސިޓީއަށް ނިސްބަތްވާ މަސްދޯންޏެއް ބަޔަކު މީހުން އަރައި ހައިޖެކް ކުރި ނިރުބަވެރި އަމަލުގެ ތަހުގީގު އަވަސް ކޮށްދިނުމަށް އައްޑޫސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް އައްޑޫ ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރި ވަމުން ދިޔަ މަސްދޯންޏަކަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ހިންގި ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސް ކޮށްދެއްވުމަށް ކައުންސިލުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް، އަލްފާޟިލް މުޙައްމަދު ޙަމީދާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދުގެ އަރިހުން އެދިފައި ކަމަށެވެ.

މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ހައިޖެކް ކޮށްފައިވަނީ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ދޯނީގެ ފަޅުވެރިން މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅި ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށްވެސް އެދިފައެވެ.

އަދި އެ ދޯނީގެ ފަޅުވެރިންނަށް އައްޑޫ ސިޓީ އަށް އާދެވެންދެން، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ކައުންސިލުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުގައި އެދިފައެވެ

ކައުންސިލުން ވަނީ މި ހާދިސާ ދިމާވުމާއި އެކު އައްޑޫ ސިޓީގެ މަސްވެރިންނާއި ޢާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަ ކޮށްފައެވެ. އަދި މި ޢަމަލު އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް، މި ޢަމަލު ހިންގި ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ އެންމެހައި އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

އައްޑޫސިޓީން މި މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް ގޮވާލާފައިވާއިރު، ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ހައިޖެކް ކުރުމަށް 30 ވަރަކަށް މީހުން ވަނީ ބޯޓަށް އަރާފައެވެ.