ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަހުމަދު ނަސީމަށް ރުހުން ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ތަޅުމަށް އިއްވަވައިފައެވެ.

މަޖިލީހުގެ އަމީންއާންމު އެ ސިޓީފުޅު އިއްވައި ނިންމެވުމާއެކު އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން މި ސަރުކާރުގައި ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ނަސީމް އަދާ ކުރެއްވިއެވެ. ނަސީމަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. އަމީން އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންކަމުން ޖޭޕީއަށް ގޮނޑިއެއް މަދުވެ، އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ލިބުނީއެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެއްދީ، ކޮވިޑް-19ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިޔާނާތްތެރިވި މައްސަލާގައި އަމީން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށެވެ. 31 މެންބަރުންގެ ވޯޓުން ފާސްވީ މައްސަލަ ހުށަނާޅާ ގޮތަށެވެ.

މައްސަލަ ހުށަހަޅަން ވޯޓު ދެއްވި 27 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހަމަ އެ ދުވަހުގެ ރޭ ވެއްދީއެވެ. އެއީ މުޅިން ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވިއެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމީ ދައުވާ ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ފޮޓޯގައިތަ އޭނީ ޒުވާނުންނަށް ފުރުސަތު ހޯދައިދޭން މިނިސްޓަރުކަން ހަވާލުކުރި 78 އަހަރުގެ ޒުވާނާ!

  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މިވަރަކަށް މީހަކު ޒުވާންވާނީ.. ޒުވާނުންނޭ ކިޔާފަ އަނގަހުޅަވަން މި މީހުން ލަދުގަންނަން ޖެހޭނެ. ގެރި ސަރުކާރު އިސްތިއުފާ

  3. ބާގީ

    ބޮޑު ބާގީއެއް