ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވައި އެ ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ފަށައިފިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ތަޅުމަށް ހުށަހަޅުއްވައި އެ ބިލްގައިވާ ހުރިހާ މާއްދާއަށް މަޖިލީހުގެ ތަޅުމަށް އިއްވެވިއެވެ.

ޖުމުލަ 70 މާއްދާ ހިމެނޭ އެ ބިލް ހުށަހެޅުއްވުން ލަސްވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިލް ހުށަހެޅުއްވުން އަވަސް ކުރައްވައި ހުލާސާއެއް އިއްވަން އެދިވަޑައިގެންނެވިއެވެ.

އެ ވަގުތު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ނިޒާމީ ނުކުތާއެއް ނަންގަވައި ހަރު އަޑުން ވިދާޅުވީ ހުށަހަޅުއްވަން ލިބިވަޑައިގެންނެވި 15 މިނެޓް ކަމަށާއި އިތުރު ވަގުތު ނުދެއްވުމަށެވެ. އެ ދަނޑިވަޅު ކުޑަ ވަގުތުކޮޅަކަށް ޖާބިރާއި ޝަރީފްއާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވުނެވެ.

ދެން ރައީސް ނަޝީދު ވެސް ވަނީ ޖާބިރަށް އެކަން ހަނދުމަފުޅު ކޮށްދެއްވައިފައެވެ. ދެން ޖާބިރު ފަހަރަކު މާއްދާއަށް ވިދާޅުވުމުގެ ބަދަލުގައި ވަރަށް ކުރުކޮށްފައި ތަޅުމަށް ބިލް އިއްވެވިއެވެ. ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަނީ ކޯލިޝަން އެކުލަވާލައިގެން ކަމާއި ރިޔާސީ ނިޒާމަށް ނޫން ކަމަށެވެ. ތަހުޒީބު މުޖުތަމައުގައި އަމަލު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލްގައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ބަދަލުކުރުމަށެވެ. ބޮޑުވަޒީރަކަށް ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް މެޖޯރިޓީ ހޯދާ ޕާޓީގެ ލީޑަރެވެ. ބިލްގައި އޮތީ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުން ފަދަ ރައީސްގެ މަސްއޫލިއްޔަތުތައް ވެސް ބޮޑުވަޒީރަށް ލިބިގެންދާ ގޮތަށެވެ.

އެ ބިލްގައި ދެން ވަނީ ރައީސްގެ މަގާމު ވެސް މަޖިލީހުން އިންތިހާބު ކުރާ ގޮތަށް ހެދުމަށެވެ. އެ ގޮތުން މަޖިލީހުން މަގާމަށް ހުޅުވާލަން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މަޖިލީހުގައި ސިއްރު ވޯޓެއް ނަގާނެއެވެ. ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ފަރާތެއް ކަމަށް އެ ބިލްގައިވެއެވެ.

އެ ބިލް މަޖިލީހުން ފާސްވެ ރައީސް ތަސްދީގު ކުރުމާއެކު އޭރަކު ހުންނަވާ ރައީސްއާއި އެމަނިކުފާނުގެ ކެބިނެޓް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބޭއްވެން ދެން އޭރެއްގައި ހުންނަ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ގައުމު ހިންގުމާއި ހަވާލުވާނެ ކަމަށް ބިލްގައިވެއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަ އެ ބިލް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރިއިރު، އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ބޭނުންފުޅުވާ ގޮތެވެ. މީގެ ކުރިން 2007 ގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

އެކަމަކު މިހާރު އެމްޑީޕީގައި މި ކަމާ މެދު ހިޔާލުތައް ދެކަފިވެފައި އޮންނައިރު، ރައީސް ނަޝީދު ދާދި ފަހަކުން ވިދާޅުވީ މިއީ ވެރިކަން ކުރުމުގެ ނިޒާމުގެ ބަހުސް ހިންގަންވީ ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ "އަތް ބަނދެވިފައިވާ" ކަމަށާއި ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޖާބިރުގެ ބިލް އެޖެންޑާ ކުރައްވަން ނިންމެވީ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަރީމާ

    ވަރަށް މޮޅަށް ރޭވުން ތައް ރާއްވަވަމުން މިގެންދަނީ ތިޔަބައިމީހުން ގެ ނުބައި ރޭވުން ތައް ﷲ މޮޅަށް ދެނެވޮޑިގެން ވޭ.

  2. ޙަފްޞާ / މާލެ

    ރާއްޖޭގައިތިބި ސިޔާސީ މީހުންގެ ނޭއްގާނީކަން މުޅި ދުނިޔެ ދަނެއެވެ. މިޙާލަތުގައި ރާއްޖޭ އޮންނަންޏާ ބަރުލަމާނީ ނިޒާމެއްގައި އަހަރަކު މަދުވެގެން ދެވެރިކަން އަންނާނެއެވެ. ރާއްޖޭގައި ގިނައިން ތބީ ފައިސާއަށް ފަސޭހައިން ހެއްލޭ ޢިލްމާއި ޙިލްމު އެއްވަރަކަށް ލިބިފައި ނެތް ކޮހުންނެވެ. އެމީހެއްގެ ނަފްސް މުއްސަދިވެފައި އެހެން ރައްޔިތުން ވަޅުލަންޖެހުނަސް އެކަންކުރަންވެސް ޖެހިލުމެއްނުވާނޭ ސިޔާސީގެ އަޞްލު ނޭގޭ މަރުމޯލުންނެވެ. ވީމާ ބަރުލަމާނީ ނިޒާމެއްގެނެސް މިރާއްޖެ އެސިޑާއި އުވަފެނުގައި ގިރުވާލަން ރައްޔިތުން ތައްޔާރު ނުވާށެވެ.

  3. އަހްމަދު

    ތިޔަބަހުސަކީ ހަގީގަތުގަބުނާނަމަ ކުރެވޭނެބަހުސެއްނޫން ައްޔިތުންއެވަނީ ވެރިކަމުގެނިޒާމެއް ހަމަޖައްސާފަ ދެން ރައްޔިތުން ނައްގޮންޖަހާ އެނިޒާމް ބަދަލުކުރަންއުޅުމަކީ ބަލައިގަނެވޭނެކަމެއްނޫން ތިކަންތައްހުއްޓާލާ

  4. ވާގޮނުސްކޮ

    ދިވެހި ރައްޔިތުން ވޯޓުދީގެން ގެނައި ޖުމްހޫރީ ނިޒާމް އުވާލާ ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ. މިއީ ކެނެރީގޭ ނަޝީދުގެ ހަރުމުދަލެއްނޫން.

  5. އެމަންޖެ

    ކީކުރަން ކުރާ ބަހުސްއެއް އަންނި ބޭނުން ވަނީ ބަރުލަމާނީ ދެން ވޯޓުލައިގެން ފާސް ކުރޭ މިހާރުވެސް ފާސްވެފަ އޮތް އެއްޗެއް.

  6. ރާކަނި

    މިކަލޭގެ އަމިއްލަ ގޭތެރެ ބަރުލަމާނީ ކުރާ ގޮތަށް މިޤަވްމާ އަޅައިގަނެގެން އުޅެނީ ކިހާ ބޮޑު ބަލާއެއް މީ. ގޭގައި ތިބި މީހުން ބަރުލަމާނީ ކޮށް ކޮންމެ މީހަކަށް ބޮޑުވަޒީރުކަން ދޭން ފެންނަނީ.

  7. ައަނިޔާވެރި ސަރުކާރު

    ނުވާނެ ތިކަމެޢް ކައެމެން ޖެހޭނީ އަމާ ހަދާން ކުރަން އިގިޖޭ!!

  8. ވައިޑީ

    ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކަށް.. ވީމާ ބަރުލަމާނީވެސް އަންނަންވާނީ މުޅިރައްޔިތުންނަށް ހުޅުވާލާ އިންތިހާބަކުން އެގޮތަށް ފާސްވެގެން ، މާދަމާ ބުނަންވީ މިތާ އިންނަންވީ ރަސްކަމެކޭ ، މަޖިލިހުން އެކްންފާސްކުރުމުން އަދި ރަސްކަމަކަށް ބަދަލު ނުކުރެވޭނެ.. މަޖިލިހުން މިޒާތުގެ ކަންތައްފާސްކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން...

  9. ވެރިން

    ބަހުސް ކުރާނެކަމެއްނެތް، ފާސްކުރިއްޔާ މަގުމައްޗަށް ނިކުއްނާނެ ކަން ހަދާން ކުރާތި.އަހަރުމެން ގިނަ ދި ވެހިން އޮއްނާނީ ތިކަމަށް ނޫނެކޭ ބުނަފަ