މިވަގުތު ބަރުލަމާނީ ނިޒާމްގެ ބިލެއް ހުށަހެޅުމަކީ ދިވެހިންނަށް ކުރި މަލާމާތެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށަހެޅުއްވި ބިލަށް ބަޙުސްކުރައްވަމުން ޝަރީފް ވިދާޅުވީ މި ބިލަކީ ބޮޑު ޖޯކެއް ކަމަށެވެ.

އަދި ބުއްދި ސަލާމަތުން ހުރި މީހަކު ބައިނަލްއަގްވާމީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެފަދަ މައްސަލައެއް ހުށަނާޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ހުށަހެޅި ބިލަކީ ހެއްވާ ޖޯކެއް. މަލާމާތެއް. ޖެއްސުމެއް. ބޮޑު ޕެންޑެމިކްއެއްގެ ތެރޭގައި ރައްޔިތުންގެ ވޯޓަކުން ނޫނީ ނުކުރެވޭނެ ކަމެއް ކުރަން މިތަނަށް ހުށަނާޅާނެ ބުއްދި ސަލާމަތުން ހުރި އެކަކުވެސް. ތަސައްރަފު ފުދޭ މީހަކު ނާޅާނެ. އެހެން ނޫނިއްޔާ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން ރައްޔިތުންގެ ހާލަތު އިތުރަށް ފުން އަނދަވަޅަކަށް ވައްޓާލަން ނޫނީ މީހަކު ކުރާނެ ކަމެއް ނޫން މީކީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ދިމާވެފައި ވަނިކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓެއް ނެގުމަކީ ބޮޑު ޚަރަދެއް ކަމަށާއި އޭގެ ސަބަބުން ގައުމުގެ ސިޔާސީ ހަމަޖެހުން ގެއްލޭ ކަމަށް ވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިތިބީ ލޯކަލް ކައުންސިލް އިންތިޚާބުވެސް މިހާލަތުގާ ފަސްކޮށްގެން. ކޮންތާކުން ހޯދާ ލާރިއަކުންތޯ 200،300 މިލިއަން ރުފިޔާ ޚަރަދު ކުރަނީ. ގައުމު ސިޔާސީ ހަމަނުޖެހުމަކަށް ވައްޓާލަން ނޫނީ މިފަދަ ހުށަހެޅުމެއް ނާޅާނެ." ޝަރީފް ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ އެ ބިލްގައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ވުމަށެވެ. ބޮޑު ވަޒީރަކަށް ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް މެޖޯރިޓީ ހޯދާ ޕާޓީގެ ލީޑަރެވެ. މަޖިލީހަށް ރިޔާސީ ބަޔާން އިއްވުން ފަދަ ރައީސްގެ މަސްއޫލިއްޔަތުތައް ވެސް ބޮޑު ވަޒީރަށް ލިބިގެންދާ ގޮތަށެވެ.

އެ ބިލްގައި ދެން ވަނީ ރައީސްގެ މަގާމު ވެސް މަޖިލީހުން އިންތިހާބު ކުރާ ގޮތަށް ހެދުމަށެވެ. އެ ގޮތުން މަޖިލީހުން މަގާމަށް ހުޅުވާލަން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މަޖިލީހުގައި ސިއްރު ވޯޓެއް ނަގާނެއެވެ. ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ފަރާތެއް ކަމަށް އެ ބިލްގައިވެއެވެ.

އެ ބިލް މަޖިލީހުން ފާސްވެ ރައީސް ތަސްދީގު ކުރުމާއެކު އޭރަކު ހުންނަވާ ރައީސްއާއި އެމަނިކުފާނުގެ ކެބިނެޓް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބޭއްވެން ދެން އޭރެއްގައި ހުންނަ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ގައުމު ހިންގުމާ ހަވާލުވާނެ ކަމަށް ބިލްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ކޮންމެ ޕާޓީއެއްގައި ހުއްޓަސް ޙައްގުބަސް ބުނެވެން ޖެހޭ! ސާބަހޭ ސާބަހޭ ޝަރީފް! ދެންވާނެ އެއްޗެއް ބަލާނެކަމެއް ނެތް! ޙައްގު ބަސް ބުނުމުގައި ދެމިހުރުން ރަނގަޅީ!