ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 116 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 10،538 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އެންސްޕާ މެދުވެރިކޮށް ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލަވަންސް ދެނީ މި ބަލިމަޑުކަމާއި ގުޅިގެން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި 5،000 ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެ އަދަދަށް ހަމަވާ މިންވަރަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ 22 ވަނަ ދުވަހާއި ހަމަޔަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ވަނީ 116.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވިފައި ވާއިރު، ސެޕްޓެމްބަރުގެ އެލެވެންސަށް އެދި ހުށަހެޅުމުގެ ފަހު ތާރީޚަކީ މި ހިނގާ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.

މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެ ކަމަށެވެ. މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި ފުލުހުންނަށް މައްސަލަ ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއާވިން

    ކާކަށްތަ ތި ލިބުނި