އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މިއަދު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް ސިނަމާލެ ބުރިޖު ބަންދުކުރި ނަމަވެސް ޕޮމްޕިއޯ ބުރިޖުން ދަތުރު ކުރައްވާ ވަގުތުތައް ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ބުރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރު ކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު މެންދުރު 12:30 އިން ފެށިގެން 18:00 އަށް ސިނަމާލެ ބުރިޖާއި ހަމައިން ފެށިގެން ބޮޑުތަކުރުފާނު މަގު ކަނބާއައިޝާ ރަނި ހިނގުމާއި ހަމައަށް ބަންދު ވާނެ ކަމަށެވެ.

ނަމަވެސް ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕިއޯ ބުރިޖުން ދަތުރުކުރައްވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ބްރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕިއޯ މިއަދު 15:00 ގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެއެވެ. އޭނާ އަށް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އެއަށްފަހު މާލެ ވަޑައިގެން ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރައްވާނެއެވެ.

ރައީސް އާއި ބައްދަލު ކުރެއްވުމަށް ފަހު މިނިސްޓަރ ޝާހިދު އާއި ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕިއޯ ދެގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމާއި އެކު އޭނާ ވެގެން ދާނީ 2004 ވަނަ އަހަރަށްފަހު ރާއްޖެ އަށް ވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ސެކްރެޓަރީ އޮފް ސްޓޭޓަށެވެ. އެންމެ ފަހުން ރާއްޖެ އަށް ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަކީ 2004 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިމް ޕަވަލް އެވެ.

އޭގެ ކުރިން 1992 ވަނަ އަހަރުގެ ޖުލައި މަހު އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ. އެއީ އިރާގުން ކުވޭތު ހިފައިގެން މެދުއިރުމަތީގައި އެމެރިކާ އިން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ކިހާ ބޮޑުވެއްޖެ ބަލާވެރިކަމެއްހޭ.. ގެރި ސަރުކާރު އިސްތިއުފާ

  9
  1
  • ލޮލްލޮލް

   ރުޅި އައިސް މީހާ ރޯވިޔަސް މި ސަރުކާރު ދެމި އޮންނާނެ...ހަޖަމް ކޮއްލާ އަންނަ ވޯޓާ ހަމައަށް