ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނަމުންދާތީ އެކަމުގައި ދައުވާ ކުރުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޝަމީމް ހާޒިރުކުރިއިރު، ހެނދުނު 11:00 ގައި އެ ބައްދަލުވުން ފެށިއެވެ. ބައްދަލުވުން ފެށުމަށް ފަހު، ކޮމިޓީ މެމްބަރުން އިއުތިރާޒް ނުކުރައްވާތީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އެ ކޮމިޓީގައި އިންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ހުށަހެޅުއްވުމަކަށް ކަން އެނގިފައިވެއެވެ. ހަސަން ލަތީފް ހުށަހަޅުއްވާފައިވަނީ މި މައްސަލައަށް މަޖިލީހުން އިތުރަށް ފާރަވެރިވުމުގެ ގޮތުން ދައުވާ ކުރުމުގެ މަރުހަލާގެ މައުލޫމާތު ލިއުމުން ހޯދުމުގެ އިތުރަށް ޝަމީމް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ހިޔާނާތް ތަހްގީގު ކުރުމަށް ފަހު ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ. އެކަމަކު ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީގެ އޮފީހުން ނިންމީ ދައުވާ ނުކުރުމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕީޖީއާއި އޭސީސީ ހާޒިރު ކުރިއިރު ދެ މުއައްސަސާގެ ދެމެދުގައި ހެކި ހުރި މިންވަރުގެ މައްޗަށް ބަހުސެއް ވެސް ހިނގިއެވެ. ފަހުން އޭސީސީ އިން ވަނީ ޕީޖީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ފޮނުވައިފައެވެ. މިހާތަނަށް އެކަމާ މެދު ޕީޖީ އިން ގޮތެއް ނުނިންމައެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރެއްވުމަށް ފަހު މަޖިލީހަށް ވެއްދިއެވެ. އެ މައްސަލަ ވައްދާފައިވަނިކޮށް އަމީން މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވި ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލަ އެ ހިސާބުން އަދި ނުނިމޭ ކަމަށެވެ. އެ މައްސަލަ ދައުވާ ކުރުމުގެ މަރުހަލާއަށް މަޖިލީހުން އިތުރަށް ފާރަވެރިވެ ކޮމިޓީތަކުން ބަލައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.