ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތައް ބަލާއިރު، މެންދުރުފަހުން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާ 10 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި އަދި ވިލާގަނޑުގައި ގަދަވެގެންދިއުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

ކިޔުންތެރިންގެ ހިޔާލު