މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 10:50 ހާއިރު ހެންވޭރު ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މަރުވެފައި އޮއްވައި ފެނުނީ 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު އިރު، އެމީހާގެ ހަށިގަނޑުގައި ޒަހަމެއް ހުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގައިވާ ގޮތުން ގޮތް ނޭނގޭ ގޮތަށް މަރުވެފައި އޮއްވައި ފެންނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ. އެފަދަ ބައެއް މީހުން ކޮވިޑް-19 ފައްސިވެފައި ވެސް އެބަހުއްޓެވެ.

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ. ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ.

އެނގިފައިވާގޮތުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ގަސްތުގައި ބަޔަކު އޭނާ މަރާލާފައި އޮތް ކަމަށް ބަލައިގެންނެވެ.