މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 11 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ 77 ޕަސެންޓު އާމްދަނީ ލިބިފައި ވަނީ ޓެކުހުންނެވެ. އަދި 23 ޕަސެންޓު އާމްދަނީ ޓެކްސް ނޫން އާމްދަނީ އިން ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާމްދަނީގެ 69 ޕަސެންޓު ހިއްސާ ކުރަނީ ޓެކުހުންނެވެ. ބާކީ 31 ޕަސެންޓު ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް މިދިޔަ އަހަރު ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގިގެން ދެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ބޮޑު ބައެއް ލިބިފައިވާ ޓެކުހުގެ ގޮތުގައި 8.4 ބިިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ޓެކުހުގެ ގޮތުގެ 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ރެވެނިއުގެ ގޮތުގައި ފަސް ބިލިއަން ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުން ލަފާ ކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސް ރެވެނިއު ގޮތުގައި ދައުލަތަށް ހަތް ބިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށްވެސް ދައުލަތުން ވަނީ ލަފާކޮށްފައެވެ.