ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީން ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ.

ހިލޭ ސާބަހަށް އިންސާނީ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެ ޖަމިއްޔާއަކީ އިސްލާމީ ތައުލީމާއި ތަރުބަވީ ތައުލީމު ފުޅާކުރުމަށް މުޖުތަމައަށް އެހީތެރިވަމުންދާ ޖަމިއްޔާއެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދު ލިބިގެން ދިޔަ 10 ހާސް މުޞްޙަފަކީ ނާއިބު ރައިސް ފައިސަލް ނަސީމް މިއަހަރުގެ ކުރީކޮޅު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި އެ ފައުންޑޭޝަންއާ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެއް ކަމަށެވެ.

މި މުޞްޙަފް ތައް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއާ ޙަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފައުންޑޭޝަންގެ ރައީސް ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު އެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތަޢުލީމް ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ކުވޭތުގެ އެކި ސަރަޙައްދުތަކުގައި 20 ސްކޫލް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ. ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޠަލާލް އަލް ޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޠަލާލް އަލް ޖެރީ އަކީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި ޢަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.