ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނުނު އިދިކޮޅު ޕީއެންސީގެ ކައުންސިލްގެ މެންބަރު ޝަހީބް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ފުލުހުން ނިންމައިފިއެވެ.

އޭނާ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާކަން ހާމަކޮށް ފުލުހުން މީޑިއާ ތަަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައާގައި އިސްކޮށް ހަރަކާތްތެރިވި ކަަމަށް ތުހުމަތު ކުރެވޭ ޝަހީބްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އޭނާ ޝަހީބް ދޫކޮށްލާފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކަމަށާއި، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާކަން ފުލުހުން ކަށަވަރު ކޮށްދެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏެހެރާޒު / ޒެންނާރު

    ހެކި ލިބުމުން ދެން އިތު ރަށް ބަންދުކު ރުމެއްނެތް ދެން އޮތީ ދައުވާ ކުރަން ޕީޖީއަށް ފޮނުވުން

  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެމްޑީޕީ ސަރުކާރެއްގަ ތާކުންތާކު ޖެހޭ ކަމެއް ނުކުރާނެ. ކުރާނީ ހުސް ވައްކަން