ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން ދިއުމަށްފަހު ފާއިތުވި ދެދުވަހު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައި ތިބި މީހުންގެ ތެރެއިން 52 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ރޭ އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސުމާއި ހަމައަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 47 މީހުންނަށެވެ.

އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ބ.އޭދަފުށީގައި 6 މީހުނަށް އަދި ށ.ފުނަދޫގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހޯމަ ދުވަހާއި އާދީއްތަ ދުވަހު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައީ 37 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައި މިހާރު ތިބީ 862 މީހުންނެވެ. އޭގެތެރެއިން 277 މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ފައްސިވީ 24 މީހުންނެވެ. އެހެންކަމުން މިއަދަކީ ފާއިތުވި 08 ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދުއަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ފައްސިވެފައި ވަނީ 22 މީހުންނެވެ. މާލެ ފިޔަވައި އެހެން ރަށްތަކުން މިއަދު ފައްސިވީ ދެމީހުންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11591 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކަރި

    މިއަދުވެސް އައި ބޭފުޅާ ކަރަންޓީނުވެސް ވާކަށް ނުޖެހުނު. މީ އެޗްޕީއޭގެ ނާގާބިލުކަމުގެ ފެންވަރު. އެޗްޕީެއޭއަށްވެސް ކުރެވުނުހާ ކަމަކީ ލޮކްޑައުންކޮށްގެން ޖިކަމެތި ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުން..

  2. ޕަނީނޯ

    މައިމޫނާ އާއި ޑރ ނަޒްލާ އިސްތިއުފާ

    7
    1
  3. ޕާކިން ސްޓިކާ

    މިވެސް އެޗްޕީއޭގެ ކަންތައް. ވަކި ބަޔަކަށް ވީމަ އުސޫލުތައްވެސް ހުންނަނީ

  4. ޖަޒީރާވަންތަ ދަޅުނުފަޅާ ޖަނަވާރު

    ކޮވިޑު 19 އަށްވުރެ އެޖެންޑާ 19 ގެ ބަލާވެރިކަން ބޮޑު