އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވާ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަކްރަމް ހުސެއިން ވިދާޅުވީ މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާލުމުންވެސް އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަަތައް ގިނަވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ފަދަ މައްސަލަތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ ކަމެއް އުމުރުން ދުވަސްވީ މީހުންނާއި މެދު ހުށަހެޅޭ މައްސަލަ އިންކްރީޒްވަމުން އަންނަކަން ފާހަގަކުރެވޭ. އެގޮތުން ޖެންޑަރ މިިނިސްޓްރީ އަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާ ނަމަ 2020 ވަނަ އަހަރު މިހާތަނަށް އަޅާ ނުލާ އެއްބާރުލުން ނުދޭ 40 މައްސަލައެއް ހުށަހެޅިފައިވޭ." އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނާއި ބައިތިއްބަން ޖެހެނީ އެއްތަނެއްގައި ކަމުން އެއީ ކަމާއި ބެހޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ 2 ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކެއަރ ސެންޓަރުތަކެއް ޤާއިމްކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ސިޓީ އާއި މާލެ ސަރަހައްދުގައި އެފަދަ މަރުކަޒުތަކެއް ޤާއިމް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށްޓަކާ ބެނުންވާ ފަންޑުވެސް މިހާރު ވަނީ ލިބިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.