މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި މާލެ ސަރަހައްދުގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލު ކުރުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް ތައްޔާރުކޮށް އިފްތިތާހްކޮށްފިއެވެ.

އޮންލައިން ޕޯޓަލްއާއި އެ ކަމަށް ބޭނުންނާ އޮންލައިން ފޯމް އިފްތިތާހްކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރޭ ބޭއްވި ހަފްލާއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ހިމެނޭ އޮންލައިން ޕޯޓަލްއަކީ forms.moe.gov.mv އެވެ. އެ ޕޯޓަލް މެދުވެރިކޮށް މާލެ ސްކޫލަށް ވަންނަން ނުވަތަ މާލެ ސްކޫލްއަކުން މާލެ އެހެން ސްކޫލްއަކަށް ބަދަލުވާން ފޯމު ހުށަހެޅޭނެއެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕެއް ޕޯޓަލް އިން ލިބިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

އޮންލައިން ޕޯޓަލް ގާއިމް ކުރީ ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމާއި އެ ކަމާ ގުޅިގެން ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަ ކުރުމަށް ކަމަށް އެޑިއުކޭޝަން މިިނިސްޓްރީން ބުންޏެވެ.

މި ޕޯޓަލް މެދުވެރިކޮށް ފޯމާ ގުޅޭ ލިޔެކިއުންތައް ވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ޖާގަ ލިބޭ ސްކޫލްތަކަށް އިތުރު ލިޔެކިއުންތައް ހުށަހަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަން ހަމަޖެހޭނެ ކަމަށެވެ.

ބެލެނިވެރިން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ވެސް ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑް

    ޕްރީ ސްކޫލުތަކުން އަންނަ އަހަރު ގްރޭޑް 1 އަށް ދާކުދިންގެ ފޯމުވެސް ފުރަންޖެހޭނީ މި ޕޯޓަލް އިންތޯ؟