ސްޕޯޓްސް ކައުންސިލް ނުވަތަ ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލަން ޖެހޭ ގޮތަށް ރާއްޖޭގެ ކުޅިވަރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ކުޅިވަރު ގާނޫނުގައި މި ކައުންސިލް މިހާރު އެކުލެވިގެން ވަނީ 11 މެންބަރުންގެ މައްޗަށެވެ.

އެއީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނާއި ޔޫތު މިނިސްޓަރު އައްޔަން ކުރައްވާ ދެ މެމްބަރުންނާއި މިނިސްޓަރު އައްޔަން ކުރައްވާ ގާނޫނީ ވަކީލަކާއި ދެ އަންހެން މެމްބަރުންނާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަ ބިލްގައި ގެނެސްފައިވާ އެއް ބަދަލަކީ ޔޫތު މިނިސްޓަރު އައްޔަން ކުރައްވާ ގާނޫނީ ވަކީލެއްގެ ބަދަލުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އެއް މެންބަރަކު އެ މަޖިލީހުގެ ހިމެނުމަށެވެ.

ދެވަނަ ބަދަލަކީ އެސޯސިއޭޝަންތައް ތަމްސީލް ކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އަންހެނަކަށް ވުމެވެ. އެއީ އޮލިމްޕިކް ކުޅިވަރު އެސޯސިއޭޝަންތަކުން އަންހެން މެންބަރަކާއި ނަން އޮލިމްޕިކް ކުޅިވަރު އެސޯސިއޭޝަންތަކުން އަންހެން މެންބަރެކެވެ. ދެން ހިމެނޭ ދެ މެންބަރުންނަކީ ކޮންމެ ޖިންސެއްގެ މެންބަރަކަށް ވެވެއެވެ.

ސްޕޯޓްސް ކައުންސިލްގެ މެންބަރުންގެ ތެރެއިން ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލް ކުރާ މެންބަރުން އިންތިހާބު ކުރަން ޖެހޭ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަމަށް ވެސް އެ ބިލްގައިވެއެވެ. ކުރިން އިންތިހާބު ބާއްވަނީ އެ ކައުންސިލް މެދުވެރިކޮށެވެ.

މި ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އީސީ އިން އެ އިންތިހާބު ބާއްވައި ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލަން ވާނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.

2015 ވަނަ އަހަރު ވުޖޫދު ކުރި ކުޅިވަރު ގާނޫނުގައި އެކުލާވަން އޮންނަ ސްޕޯޓްސް ކައުންސިލްއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް އެއް ޒިންމާއެއް އޮންނަ ކައުންސިލެވެ.