މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އައިޖީއެމްއެޗްއާއި ދިމާލު މޫދުން ފެނުނު ނިޔާވެފައިވާ އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ ޕޯސްޓްމޯޓަމް ހަަދަން ފޮނުވުމުގައި ދަތިތަކެއް ދިމާވެފައިވާކަން "ވަގުތު"އަށް އެނގިއްޖެއެވެ.

އެ ޒުވާނާ މަރާލާފައި އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެކަން ފުލުހުން ވަނީ ބަލަން ފަށާފައެވެ. އެ ހާދިސާގެ ތަހުގީގަށް ފުލުހުން ވަނީ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ.

އިތުބާރު ހުރި ގޮތަކަށް "ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ޒުވާނާ ޕޯސްޓްމޯޓަމް ހަދަން ފުރުވާ ލުމުގައި ދިމާވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ދިމާވާ ދަތިތަކެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ނޫން ގޮތަކަށް ޕޯސްޓްމޯޓަމް ހެދެން ނެތެެވެ. އެ ޒުވާނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުރުމާއި، އެހެނިހެން ގޮތުން ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކުގައި ބަރޯސާވާން ޖެހެނީ އެެހެން ޤައުމުތަކަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަން އަދި ކުރެވިފައެއް ނުވެއެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ މަރުހަލާ އޮތް ހިސާބާއި މެދު ފުލުުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމައެއް ނުކުރައްވައެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވީ، މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.