މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ފަސް ކުރި ދޯނި ހައިޖެކް ކުރި މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު 16 އަށް އަރާފައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް ކޯޓު އަމުރެއްގެ ދަށުން ހަތް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވީނަމަވެސް، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ހައިޖެކް ކުރި އެ ދޯންޏަކީ ލ.ގަމުގެ މީހަކު މީގެ ދެއަހަރު ކުރިން ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެކެވެ. އެދޯންޏަށް މި ހަފްލާ ތެރޭގައި ބަޔަކު އެރިއިރު ދޯނީގައި ތިބީ އައްޑޫ ސިޓީ ހިތަދޫ ބައެކެވެ. ހަތް މިލިއަން ރުފިޔާ އަށް ވިއްކި ދޯންޏަށް އެއްވެސް މަހަކު ފައިސާ ދައްކާފައެއް ނުވެއެވެ. ފުރަތަމަ ދޯނި ގެންދިޔައީ ހަތްލައްކަ ރުފިޔާ ދެއްކުމަށް ފަހު ބާކީ ފައިސާ ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވެގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ދޯނީގެ ފަޅުވެރިން ވަނީ ދޯނިން ފައިބާފައެވެ. އެދޯނި މިހާރު އޮތީ ދޯނީގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި ލ.ގަމު ތުނޑީ އަވަށު ބަނދަރުގައެވެ.

ދޯންޏަށް ބަޔަކު ތޫނު ހަތިޔާރާއިއެކު އެރިކަމަށް ދޯނީގެ ފަޅުވެރިން ބުނި ނަމަވެސް ދޯނީގެ ވެރިފަރާތުން އެކަން ދޮގު ކުރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭވެސް

    ނޫހުގައި އޮތްގޮތުންނަމަ އެމީހުން ދިއުމުގެ ކުރިން ފުލުހުންނާއި ސިފައިންނަށް އެންގި.
    އެހެންކަމަށްވާނަމަ އެދެ މުއައްސަސާއިން މިކަމަށް އިސްވެ ފިޔަވަޅެއް ނޭޅީ ކީއްވެތޯ؟