އިސްލާމްދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެދެޕާޓީން ދީފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ ކިރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ، މާތްވެގެންވާ އިސްލާމް ދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ފްރާންސުން ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ފިޔަވަޅު އެޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

"ފްރާންސްގެ މަޖައްލާއަކުން، ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިޢުކޮށް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ޢަމަލުތައް ހިންގަމުން ގެންދާއިރު އެކަމަށް އެޤައުމުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފްރާންސްގެ ރައީސް ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރު ދީ އިތުރަށް ހާލަތު ގޯސްކުރުމަށް މަސައްކަތް ކުރުން ކަމުގައި މިކޯލިޝަން ޤަބޫލު ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ފްރާންސުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ދިވެހި ސަރުކާރަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ފްރާންސްގެ މަޖައްލާއަކުން އިސްލާމް ދީނާއި ދެކޮޅަށް ބަސްބުނެ ލިޔުންތައް ޝާއިޢުކޮށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސަލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިޢުކޮށް ހަދަމުން ދާއިރު، މިފަދަ ޢަމަލުތައް ހިންގަމުން ގެންދާ ޖަމްޢިއްޔާތައް ރާއްޖެގައިވެސް އިތުރުވަމުން ދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ރާއްޖޭގައި މިފަދަ ޢަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތުން އެޅުމަށްވެސް ސަރުކާރަށް ގޮވާލާފައި ވެއެވެ.

އިސްލާމްދީނަށް ފްރާންސް ސަރުކާރުންނާއި އެގައުމުގެ ރައީސް ތަކުރާރުކޮށް ފުރައްސާރަ ކުރަމުން ދާއިރު ދިވެހި ސަރުކާރުން އެކަން ކުށްވެރި ނުކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިއްޔެ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކުށްވެރި ކޮށްފައި ވެއެވެ. ނަމަވެސް ބަޔާނުގެ އެއްވެސް ތަނެއްގައި ފްރާންސްގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. اللهم صل وسلم على نبينا محمد

    الله أكبر

    18
  2. ސަރު ކާރު

    އިތުރަށް މި މީހުން ބޭނުންކޮށްގެެން ޖަހާނެ ޓިނެއް
    ނެތް

  3. ލޮލްލް

    މިސާލަކަށް ފުރާންސާ ދެކޮޅަށް ސަރުކާރުން ބޭނުމީ ޔާންޓޭ ޖަލުގަ ބާއްވަން، އެއީ ޔާންޓޭ އަކީ ފްރާންސް ޕާޓަކަށް ވާތީ..ދެނޯ؟؟؟؟

    1
    3