މި އަހަރު ބާއްވަން ހަމަޖެއްސި އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބަކުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅި 43 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، މިހާތަނަށް އެމްޑީޕީ 14 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ޕީޕިއެމްގެ ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ހަތަރު ކެންޑިޑޭޓަކާއި، އަމިއްލަ 20 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަންނަ އަހަރަށް ކައުންސިލް އިންތިހާބު ބޭއްވުން ފަސްވުމުން، ނަން އަނބުރާ ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އީސީ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އީސީ އިން ހުޅުވާލާފައިވާ އެ ފުރުސަތުގައި އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެސް އެންމެ ގިނަ ކެންޑިޑޭޓުންގެ ނަން ހުށަހެޅި އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީއިންނެވެ.

އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް ބަލާއިރު، އެމްޑީޕީ 18 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައި ވެއެވެ. އަދި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި، އަމިއްލަ ފަސް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އެންމެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވަން ނިންމީ މި އަހަރުގެ އޭޕްރީލްގައެވެ. އެކަމަކު ކޮވިޑް-19 ގެ ރޯގާ ރާއްޖޭގައި ވެސް ފެތުރެމުންދާތީ ކައުންސިލް އިންތިހާބު ވަނީ އަންނަ އަހަރުގެ ކުރީ ކޮޅަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނި

    އެމްޑިޕިގަ އިސްކުން ތިބި ބޮޑެ ތިި މިހުންގެ މަކަރުވެރިރެވުން ބެޒާރުވެ ގިނަރައި ތތުންނަ ވިސްނި އެމްޑީޕިގެ ތާއިިދުު ގެލިޖެ އެމްޑީޕީގެ ޓިކެޓްދުކޮލާފާ ނަން އަބުރާ އަވަހަށް ނަގާ

  2. އެކްޓަރ

    ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު.
    1. ސައުތު ކޮރެއާ
    2. އެމެރިކާ
    3.ލަންކާ
    4.ސިންގަޕޫރ
    5.ޓައިވާން
    އަދި ބައެއް އެހެން ޤައުމުތަކުގަ އިންތިޚާބު ބޭއްވި. ޚޮދު މުޚުތާރު ވެރިކަމެއްކުރާ ދިވެހިރާއްޖޭގައި ކޮން އިންތިޚާބެއްތޯ އޮންނާނީ.

    17
    1