އިސްލާމް ދީނަށް ފުރައްސާރަ ކުރި އެމްޑީއެންގެ އެގްޒެކްޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށް ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.

ދީނީ އިލްމުވެރިން އެކުލެވޭ ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމްދީނުގެ އަސްލުތަކަށް އިންކާރުކޮށް، ލޮބުވެތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި ރިޕޯޓު ލިޔުނު ޝަހިންދާ އުޅެނީ ރައްޔިތުންނަށް ފިލައިގެން ކަމަށެވެ.

އެގޮތަށް އޭނާ ފިލައިގެން އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ ފޯރަމްގައި ބައިވެރިކުރުން ކުށްވެރިކޮށް ބަޔާނުގައި ވަނީ ޝަހިންދާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރި ކުރީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

އަދި ފުލުހުން ޝަހިންދާ ހޯދަން އިއުލާންކޮށްފައި ވަނިކޮށް މަޖިލީހުގެ ބައްދަލުވުމުގައި އޭނާ ބައިވެރިކުރީ ގަސްތުގައި ކުރިއާލާ ރާވައިގެން ކަމަށާއި އެއީ ފޯރަމެއްގެ ނަމުގައި ލާދީނީ ވިސްނުމުގެ ގާތް އަޢުވާނުންކޮޅެއް ހިމަނައިގެން ރައްޔިތުން ރުޅިއަރުވައި ޖެއްސުންކުރުމަށް ކުރި ކަމެއް ކަމަށް އެ އިއްތިހާދުން ބުނެއެވެ.

އެ ބައްދަލުވުމުގައި ޝަހިންދާ އުޅުނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށާއި އެހެން ފާހަގަކުރާ ސަބަބަކީ ޝަހިންދާ އަކީ މާތް ﷲ ގެ ހުކުމްފުޅުތަކާއި އިސްލާމްދީނުގެ އެހެނިހެން ޙައްދުތަކަށް ފާޅުގައި އިންކާރުކޮށް "އިންސާނީ ހައްގުތަކުގެ" ނަމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ގާނޫނާއި ގަވައިދަށް ތަކުރާރުކޮށް ގޮންޖަހާ މީހަކަށް ބުމުން ކަމަށް އެ އިއްތިހާދުން ބުނެއެވެ.

އެ ބަޔާނުގައި ބުނީ މުސްލިމު މުޖުތަމައު ފަސާދަކުރަން މަސައްކަތް ކުރާ މީހެއްކަން އެނގި ހުރެ މީގެ ކުރިން"އާސްކް ސްޕީކަ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެމްޑީއެން އުވާލައިގެން ނުވާނެ ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް ހިމާޔަތް ދިނުމަށް ފާޅުގައި މަޖިލީހުގެ ރައީސް ވިދާޅުވިކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އޭރުގެ އެގޮތަށް ގޮވާލުމަށް ފަހު، 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހުރޭގެ މަޖިލިސް ފޯރަމްގައި ޝަހިންދާ ބައިވެރިކުރި ކުރުމަކީ އޭނާގެ ޖަމާއަތުން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓަސް އެއީކީ މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރުގެ ދުނިޔެއަށް ދައްކަން ކުރި ކަމެއް ކަމަށް އެ އިއްތިހާދުން ބުނެއެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނީ އެ އަމަލަކީ އިސްލާމީ ދައުލަތުގެ ނަމާއި ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ކިނލަބު ކުރުމަށް ހިންގި ޤާނޫނާއި ޚިލާފު ނޭއްގާނީ އަމަލެއް ކަމަށާއި މާތް ﷲ ގެ ދީނާއި އެކަލާނގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަ ކުރި މީހަކު ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިހުގައި މިހިންގި ލާދީނީ ޖަރީމާ ހިންގި ފަރާތްކާ މެދު ތަހުގީގު ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އަދި އެފަދަ ފަސާދަ ކުރަނިވި ފިތުނަތައް ދެން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި، މާތް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔަށް ވަފާތެރިވެ އެކަން ސާބިތުކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައަށް އެ ފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަޙްމަދު

    ޝޭހުންނޭވެ! މީކަލޭމެންވެސް ބޭނުންވިގޮތް! މިޤައުމު ގޯހުން ގޯހަށް މިދަނީ ކަލޭމެންގެ ތެރެއިން ބައެއްގެ ސަބަބުން!

    43
    4
    • މަޒް

      ޝޭހުން ބޭނުންވީ މި ގައުމު ޔާމީނު ކިޔާ ވަގެއްގެ ކިބައިން ސަލާމަތް ކުރަން.. ކޮންމެހެނުން ޝޭހުން ބޭނުންވި ގޮތޭ ކިޔާނެ ކަމެއް ނެތް.. ބޮޑު ވަގު އެއޮތީ ޖަލުގައި.. ދެން އޮތީ ދީނަށް ފުރައްސާރަ ކުރި އަދި ކުރާ މީހުންނަށް ހައްޤު އަދަބު ދިނުން..

      4
      2
  2. ސަހަރޯ

    ސަހިންދާ ކަހަލަ މީހުންނާ ހެދީ މިގައުމު ހަލާކުވެދާނެ. ދިވެހިންގެ ތެރޭގައި މީގެ ކުރިން ނެތް ފިތުނައެއް އުފައްދާ އުޅޭ ނުބައި ނުލަފާ މީހެއް ސަހިންދާއަކީ.

    47
    2
  3. ކޮވިޑް

    ޢިލްމު ވެރިންނޭތޯ؟ތިގޮތަށް ޢިލްމުވެރި ނުވިޔާ ރަނގަޅުވާނީ...... ތެހެން އުޅުނު ޢިލްމު ވެރިއެއް މިހާރުގެ ހޯމް މިނިސްޓަރ އަކީވެސް.... ހަމަ ކަމެއް ވާއިރަށް ބަޔާނެއް ނެރެލާފަ،ނޫސް ބައްދަލުވުމެއް ބޭއްވީމަ މައްސަލަ ހައްލުވީތޯ؟ބަޔާނަކުން ،ނޫސް ކޮންފަރެސް އަކުން ކަން ކަން އިސްލާހު ވާނަމަ މިރާއްޖެ މި އޮތީ ހަމަ އެއްމެ އިސްލާހު ގައުމުގެ ގޮތުގަ.... ސުކުރިޔާ ޢިލްމުވެރިން..... މިހާރު ދެން ތި ކިޔާ ޢިލްމުވެރިން ވެސް ތި ޑްރާމާތައް ކުޅުން ހުއްޓާލަން ވެއްޖެ ދޯ؟ އިމްރާނަށް ނުވަނީސް....ހެއު ދުޢާ

    26
    2
    • ރޯނުއެދުރު

      ކޮންމެ ކަމެއް ވާއިރަށް ޝޭޚޭ ޢިލްމުވެރިންނޭ ކިޔާނެކަމެއްނެތް. ތިމާގެވެސް އޮންނާނެ ޒިންމާއެއް. އަދި އެންމެ ޝެއިޚެއްވެސް ނޫން މިރާއްޖޭގަ ތިބީ. އެމީހުންގެ މަސައްކަތް ނުފެންނާނެ ކަނުވެގެން ތިބެގެނެެއް. މިޔުޒިކު ޝޯ އަށް ގޮއްސަ މި މެސެޖް ކުރަނީ ކޮބާހޭ ޝެއިޚް. މީ މިއަދު ބައެއް މީހުންގެ ޙާލު. ޢއަދި މާ ޤައުމުދެކެ ދީންދެކެ ލޯބިވެޔޭ ކިޔަސް ހަމަ އެއްކަލަ ލާދީނީ މީހުންގެ ކުޅިވަރު މިކުޅެނީ. އިލްމުވެރިންނއިލްމުވެރިންނަށް ޙަމަލާ ދެނީ

  4. ލާދީނީ

    އެކަހަލި ކަންކަން ފަތުރަން ހުޅަގުން ސްޕޮނސަރ ނަގާފަ ރނ ކޮންމެސް ގަނޑެއް ގަންނަން ޖެހޭނެ. އަޑުއެހިން މިބީތާތައް ބޭނުންވަނީ ހަމައެކަނި މި ދުނިޔެއޭ..

    30
    1
  5. ގައުމީ ލޯބި

    ޝޭޙުން ބޮލުގައި އިލްޒާމު އަޅުވާނެ ކަމެއްނެތް.. މީ ދިވެހީން ގެ ގިނަމީހުން އެދޭގޮތް..

    ދީނީ ގޮތުން ޑ.ރ އަކު މަޖިލީހަށް ކުރިމަތި ލީމަ އެމީހާ ނުހޮވާ.. ގްރޭޑް 5ގެ ފެންވަރުގެ (ބާޒާރު ބަހުން ވަރަށް އަޑުގަދަކުރާ) މީހުން ހޮވީ ހަމަ ތިޔަ މާތްވެގެންވާ މާލޭ މީހުން

    ލާދީނީ ކަން އެގި ތިބެ އަންނި ހޮވީވެސް ހަމަ ރަށްމަތިފުށު މާލޭ މީހުން..

    ދެން އެބައި މީހުން މަޖިލީހަށް ވަދެ މިސްކިތް ބަންދު ކުރަން ގާނޫނު ހެދީމަ،
    ނައިޓު ކުލަބު ހަދަން ވާހަކަ ދެއްކީމަ، ލަވަކިޔާ މަޖާކުރުން އާންމުކުރީމަ، މި ހަދާންވަނީ ދީނީމީހުންގެ މަތީން..

    ކަންކަން ބޮސްސުން ލީމަ، ގޮތް ހުސްވާން ކާރިވީމަ ނޫން އޭގެ ކުރީން ދީނީމީހުން ގެ ބަސް އަހާ ނަމަ، ނުވަތަ އެމީހުންނަށް ފުރުސަތު ދޭނަމަ މިއަދުގެ މި ޖަހާލަތުގެ ތެރެއަށް ދިވެހި ގައުމު ނުވެއްޓުނީސް..

    މީ ހަމަ އަހަރުމެން ދިވެހީންގެ އަމިއްލަ އިހްމާލު.. އަޙްމަދުވެސް ހިމެނޭގޮތަށް..

    30
    1
  6. އަޙްމަދް

    ދީނީ އިލްމުވެރިން އެކުލެވޭ ރައްޔިތުންގެ އިއްތިހާދުން..........
    ————————————————-
    ތިޔައީ ދީނީ ޢިލްމުވެރިންހެއްޔެވެ؟.
    ނޫނީ ސިޔާސީ ޢިލްމުވެރިންހެވެ؟
    ނޫނީ ސިޔާސީ ޙަރަކާތްތެރިންހެއްޔެވެ؟
    ތިމާމެންގެ ނަމުގެ ކުރިއަށް ދީން ނުލިއެއްކަމަކު ތިޔަކުޅޭ ސީޔާސީ ކުޅި ކުވޭތޯ ބެލިއްޔާ މާރަނގަޅުވާނެއެވެ.
    އިސްލަމްދީނަކީ އެއީ ކަލޭމެން ކުޅިބައިރާވަން ގެންގުޅޭ ގޮނޑިއެއް ނޫނެވެ
    ޢެއީ الله سبحانه وتعالى ހަތްއުޑުމަތިން ބާއްވައިލެއްވީ އެ إله ގެ ދީނެވެ. ޢެއީ އެދީނުގައި
    الله އަންގާވާފައިވާގޮތަށް އަހަރުމެން އެއްމެހާއިންސާނުން އުޅެން ޖެހޭދީނެވެ
    އެއީ އަހަރުމެން ހިތަށްއެރިގޮތަކަށް އަހަރުމެންނަށް ފެއްނަގޮތަކަށް އުޅެން އޮތްދީނެނޫނެވެ.
    އޭ ޝޭޙުންނޭވެ ކަލޭމެން ނިކަން الله ބިރުވެރިވެބަލާށެވެ.

    13
    1
  7. އަބްދޫ

    ރަސޫލާ އަށާ އިސްލާމްދީނަށް ފުރައްސާރަކުރާ މީހާގެ ފަހަތުގަހޯޕްހޯޕް ކިޔަން ތިބެގެން އެމީހާ ލިޔެ ސަހިންދާ އަތަށް ދޭ ލިއުންތަެއް އޮންލައިންކޮށް ސަހިންދާ ސާއިއު ކުރުމުން ސަހިންދާ ކުއްވެރި ކުރުމުގެ ބަދަލުގާ އަސްލު ނައްތާލަން އުޅެބަލަ އޭރުން އެކަން ހުއްޓިދާނެ

    16
  8. ޤާދިރު

    ބަލަތިއީ ނަވީ ޕިއްލެއޭ ކިޔާ ކާފަރު އަންހެނަކު ގެނެސް ރައްޔިތުންގެ މަޖްލިހައްވައްދައިގެން ލާދީނީވާހަކަ ދައްކަން ފުރުސަތުދިން ބައެއްނޫންތަ ދެންއމީހުން ދެވަނަ ޕިއްލެޔަކައް ފުރުސަތުދިނުމަކީ ނަމުގަ އިލްމުވެރިންކަމައް ދައުވާކުރާ އިލްމުވެރިން ހަޔްރާންވާން ޖެހޭކަމެއްނޫން މުސްކުޅިން ބުނެއުޅޭ އެއްފުޅަންމަތިން ފުންމާލިބަކަރި އަނެއްފުޅަންމަތިން ފުންމާލާނެއޭ

  9. އިންޑިއާ އައުޓް

    ބަލަ ތިހެންކިޔާލަކިޔާލާ ތިބޭނީ ކިހާދުވަހެއް ވަންދެންތޯ ހު ރިހާކަމެއް އެނގި ފެނި ވާއި ރު ތިހެން އަތް އު ރާލައިގެން ތިތިބެނީ ދީންދެކެ ލޯބިވާތީތޯ؟ ޖާހިލުންނަކީ ހެޔޮބަސް އަހާބައެއްނޫން:

  10. އަލިބެ

    އެންމެ ދެރަކަމަކީ އަހަރެމެންނަށް މަގުދައްކަން ތިބި ދީނީ ޢިލްމުވެރިން ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ އެކިފަހަރު އެކި ދުލުން ވާހަކަދައްކާތީއެވެ. އަހަރެންނަކީ އަބަދުވެސް ދީނީ ޢިލްމުވެރިޔެއް ވެއްޖިއްޔާ އެބޭފުޅަކަށް އިޙްތިރާމްކުރާމާ ޤަދަރު ވަރަށްބޮޑަށް ކުރަންބޭބުންވާ މީހެކެވެ. އެހެންނަމަވެސް މިހާރު މިކަންވެސް ކުރެވޭކަށްނެތެވެ. ބައެއް ޢިލްމުވެރިން ދީނަށް ފުރައްސާރަކުރާ މީހުންނާ ގުޅިގެން ސިޔާސީ ކަންކަން ޙާޞިލްކުރަން އުޅޭތީ މަމިހުންނަނީ ހަމަ ޙައިރާންވެފައެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެމީހުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ނެރޭ ފޮތްތައްވެސް ނެރެންޖެހޭނީ ދީނަށް އެންމެވަރަށް ކުޑައިމީސް ބަސްތައް ރައްދުކުރާ ކެނެރީގޭ ނަޝީދުލައްވައެވެ. އަދި ޝޭޚް އިމްރާނަކީ އަބަދުވެސް އަޑުގެ ކޮޅަށް ސިޔާސީ ވާހަކަދައްކާ މީހެކެވެ. ދުވަހަކުވެސް ދީނީ ތަޤްރީރެއްދޭތަނެއް ނުފެނެއެވެ. އެހެންކަމުން މިޒަމާނުގައި ކަންކަމަށް ވަރަށްބޮޑަށް އޮޅުންއަރައެވެ. ފަތްބޯމީހުންނާ ބަދުއަޚްލާޤީ ކަންކަން ކުރާމީހުންނާ މާރާމާރީ ހިންގާ މީހުންނަށް އެއްޗެއްނުބުނެ ކީރިތި ރަސޫލާއަށް މަދަޙަ ކިޔުމުގެ ގޮތުން މައުލޫދުބުރިއެއް ކިޔާމީހުންނާ ދިމާކުރާމީހުން ގިނަވެއްޖެއއެވެ.

  11. އަޒޫ

    ރައިތުން ހޭލުތެރިވެބަލަ ގައުމުގެ ބާރަކީރައިތުން. ރައިތުން ގެ ބާރު ނިކަން ދައކާލަބަލަ. ސައިޒްވެދާނެ

  12. ނަޖްވާ

    ފޮތްހިތު އަޅުވައިގެން އުޅޭ ދެއުޅިއެއް ނުވާ މީހުން ދައްކާހާ ވާހަކަ އެއް ނުޖެހޭ ޤަބޫލު ކުރާކަށް އެނގިއްޖެ! ސަހިންދާ ވެސް މީހުންގެ ވިސްނުމަށް ރެސްޕެކްޓް ކުރަންޖެހޭނެ ކަމަށް ޤަބޫލު ކުރަނީ!

  13. Abdul

    ޤައުމުގެ އިސް މަޤާމުތަކަށް ރނ ކަހަލަ މަކަރުވެރި މނފޤ މީހުން ގެނައީމާ ވާނެގޮތް މިވަނީ، ރައްޔަތުންނޭ، ދެންވެސް މިވެރިންނަށް ފުރުޞަތު ނުދިނުމަށް ޢަޒުމު ކަނޑައަޅުއްވާ! އަޅުގަނޑުމެން ކޮންމެ އިންސާނަކީވެސް ތިމާ ހެއްދެވި ރައްބަށް ޖަވާބުދާރީ ވާންޖެހޭނެ މީހެއްކަން ހަނދުމަފުޅު ބަހައްޓަވާ! އަޅުގަނޑުމެން އެންމެނަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި. އާމީން.