މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ފަސް ކުރި ދޯނި ހައިޖެކް ކުރި މައްސަލާގައި ހައްޔަރު ކުރި 16 މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ބަޔަކު އެރި މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއްވެސް ތަހުގީގު ތެރެއިން ބެލިގެން ދާނެ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވާ 16 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން ދޫކޮށްލާފައިވާ ކަމަށެވެ.

"އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މިހާރު ވާނީ ދަންނަވާފަ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާ ނަމަ، އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންށް އަށް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

ހައިޖެކް ކުރި އެ ދޯންޏަކީ ލ.ގަމުގެ މީހަކު މީގެ ދެއަހަރު ކުރިން ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެކެވެ. އެދޯންޏަށް މިދިޔަ ހަފްތާގެ ތެރޭގައި ބަޔަކު އެރިއިރު ދޯނީގައި ތިބީ އައްޑޫ ސިޓީ ހިތަދޫ ބައެކެވެ.

ހަތް މިލިއަން ރުފިޔާ އަށް ވިއްކި ދޯންޏަށް އެއްވެސް މަހަކު ފައިސާ ދައްކާފައެއް ނުވެއެވެ. ފުރަތަމަ ދޯނި ގެންދިޔައީ ހަތްލައްކަ ރުފިޔާ ދެއްކުމަށް ފަހު ބާކީ ފައިސާ ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވެގެންނެވެ.

ދޯންޏަށް ބަޔަކު ތޫނު ހަތިޔާރާއިއެކު އެރިކަމަށް ދޯނީގެ ފަޅުވެރިން ބުނި ނަމަވެސް ދޯނީގެ ވެރިފަރާތުން އެކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓަގޭ

    އަމިއަލް ދޯނި ގެނައުމަކީ ހައިޖެކް ކުރުންތޯ! ފުލުހުންވެސް ޕްރޮފެސަނަލް ވާން އެބަޖެހޭ.

  2. ޙަސަނު

    ޖާބިރު އާއި އިދުރީސް ޖެހުނު މައްސަލައެއްގެ ރުޅި ކަމާ ގުޅުން ނެތް ބަޔަކަށް ބޭލުން ބަލައެއް ނުގަނެވޭ! ދޯނީގެ ފަޅުވެރިންނަށް އެނގިފައެއް ނެތް ލާރި ނުދައްކާ އޮތް ދޯންޔެއްކަމެއް!

    1
    2
  3. Anonymous

    މި ގަމުގަ އޮތް ސީސްޓަމް ފެއިލް ވެފައިވާ ކަމުގެ ނިޝާންތައް މިފެންނަނީ. ޝަރުޢީ ދާއިރާ އިސްލާހް ކުރުމުގެ ނަމުގައި އައިސް ލާދީނީ ސއކިއުލަރ ކަންކަން ގާއިމް ކުރުމުގެ ނަތީޖާ އަކީ އިންސާފް ނުލިބި އަމިއްލަޔައް އިންސާފު ހޯދަން ނުކުތުން. ސަދޫމްގެ ކޯޓުތަކެކޭ އެއްފަދަ މި ގައުމުގެ ކޯޓުތައް