އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ކަރަންޓީނުވުމަށް ވުރެ ބޮޑަށް އިސްކަންދޭންވީ ކޯވިޑް ޓެސްޓް ހެދުމަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އިމަޖެންސީ ކޮމިޓީގެ އިސްވެރިޔާ ޑިޑިޔާ ހޮސިން މިދިޔަ ހުކުރު ދުވަހު ބުނެފިއެވެ.

ޓޮޕް އެމަޖެންސީ އެކްސްޕާޓް މައިކް ރަޔަން ބުނެފައިވަނީ ދަތުރުފަތުރުގެ ސަބަބުން މިހާރު ބަލިވުމުގެ ފުރުސަތު ކުޑަކަމަށެވެ. އަދި ދަތުރުފަތުރު ކުރުމަކީ މިހާރު ކޮންމެވެސް ވަރަކަށް ރައްކާތެރިކަމެއް ކަމުގައެވެ. ނަމަވެސް ދަތުރުފަތުރު ކުރުމަކީ މުޅިން ރައްކާތެރިކަމެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ދަތުރުފަތުރު ކުރުމުގައި ގެންގުޅޭ ޖެހޭ އައު އާއްމު ހާލަތަށް ކޯވިޑް ޓެސްޓް ކުރުން އިތުރު ކުރުމަށާއި ދަތުރުފަތުރު ކުރުމުގެ ރިސްކު މެނޭޖުކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް ވިސްނާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އައު ގަވާއިދުތަކެއް ގައުމުތަކާއި ހިއްސާ ކުރާނެކަމަށް ވެސް ރަޔަން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް ދިރާސާކުރާ ޗައިނާގެ ޓީމާއި ޑަބްލިޔުއެޗްއޯގެ ސައިންޓިސްޓުން، ވަނީ މި ވައިރަސްގެ އިތުރު ދިރާސާތައް ކުރުމަށް ވާރޗުއަލް މީޓިންއެއް ބާއްވާފައެވެ.

އިތުރަށް މައިކް ރަޔަން ބުނެފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ޗައިނާއިން ފެނުނު މި ވައިރަސްގެ އަސްލު ހޯދުމަކީ މިކަހަލަ ސިޔާސީ މާހައުލެއްގައި އުދަނގޫ ކަމެއް ކަމަށެވެ.

ސައިންޓިސްޓެއްގެ ހައިސިއްޔަތުން މައިކް ރަޔަން ބުނެފައިވަނީ އެމީހުންގެ އުއްމީދަކީ މި ވައިރަސްއަށް އެންމެ އެކަށީގެންވާ ހެއްކާއި އެކު އެންމެ އެކަށީގެންވާ ނަތީޖާއެއް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބުރަ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް ރަޔަން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ދަތުރުފަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު މިހާރު ވަނީ ދަތުރުފަތުރުތައް ފެށިފައެވެ.