ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ވޭދަނައެއް ޓައިވާނުގެ މުޖުތަމަޢުގެ ތެރެއިން ނުފެންނަތާ 200 ދުވަސް ވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

ޓައިވާނުގެ އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެޤައުމުގެ މުޖުތަމަޢުގެ ތެރެއިން އެންމެ ފަހުން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭޕްރިލް މަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ. މިއާއެކު އެޤައުމަކީ މިހާރު ކޮވިޑް-19 ނުފެތުރޭ ޤައުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއިން އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކޮށް އަމަލުކުރަން ފެށި ޤައުމުތަކުގެ ތެރޭގައި ޓައިވާން ހިމެނެއެވެ. އަދި މި ބަލިމަޑުކަން ފެތުރިޔަ ނުދިނުމަށް އަންގާފައިވާ އެންގުންތަކަށް އެޤައުމުގެ އާންމުން ވަނީ ކިޔަމަންވެ ނަމޫނާ ދައްކާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓައިވާނުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 555 މީހެކެވެ. އޭގެތެރެއިން މިހާތަނަށް މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ ހަތް މީހެކެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން ދަނީ 33 މީހަކަށެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ޓައިވާނުގެ އިތުރުން ވިއެޓްނާމާއި ތައިލޭންޑާއި ނިއުޒިލޭންޑުގައި ވެސް މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ނުފެންނަތާ މިހާރު ވަނީ ސަތޭކައަށްވުރެ ގިނަ ދުވަސް ވެފައެވެ. ނަމަވެސް ޔޫރަޕުގެ ޤައުމުތަކަށް މިހާރު އަރަމުންދާ ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު ގިނަ ޤައުމުތަކުން ފެންމަތިވާ ފައްސި ވޭދަނައިގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.