ރަސްމީ ގަޑިތަކެކޭ އެއްގޮތަށް، ނުރަސްމީ ގަޑިތަކުގައި ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ނިންމައިފިއެވެ.

ފެމިލީ ކޯޓުން މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑިތަކުގައި ވެސް ކައިވެނިިކޮށްދޭނެ ކަމަށެވެ.

އެގޮތުން ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ރޭގަނޑު 9 އާ ހަމައަށް ކަމަށާއި ނުރަސްމީ ގަޑީގައި ކުރާ ކައިވެނީގައި ނަގާނީ މީގެކުރިން ވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެނީގައި ނަގަމުން އަންނަ ފީ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.

މި ބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ކޯޓުން ވިދާޅުވިއެވެ.

ފެމިލީ ކޯޓުން ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދިއުމާ އެކު ހިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ބޭނުމުގައެވެ.