އަންނަ މާޗު މަހުގެ ތެރޭގައި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް އަންނަނީ ތައްޔާރީތައްވަމުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިއަހަރުގެ ކުރީކޮޅު ފެތުރެން ފެށި ކޮވިޑް-19 ވައިރަހާއި ގުޅިގެން ވަނީީ އިންތިހާބު ނުބޭއްވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އިންތިހާބު ނުބޭއްވުމަށް އީސީއިން ނިންމީ ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި، މާޗު މަހުގެ ތެރޭގައިި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ވަމުން ކަމަށެވެ.

އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަކުރުމަށް އިންތިހާބު ބަޖެޓު ކުޑަކުރަމުން އަންނަކަން ވެސް ހާމަކޮށްފައެވެ.

މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމާއި، އަންނަ އަހަރުގެ މާޗް މަހަށް 18 އަހަރު ފުރޭ މީހުން ލިސްޓާށް އިތުރުކުރުމާއި، މި މުއްދަތުގެ ތެރޭގަައި ނިޔާވެފައިވާ މީހުންނާއި އެހެނިހެން ބަދަލުތައް ގެންނަން ޖެހޭ މީހުންގެ ލިސްޓަށް އެ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ކިއު ހެދުން ފަދަ ކަންކަން ކުރުމުގައި ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭ ކަމަށާއި، އެހެން ކަމުން ވޯޓުލާ މަރުކަޒުތަކަށްވެސް މިކަމާ ގުޅުންހުރި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

އަދި އިތުރަށް ވޯޓުލާ މަރުކަޒު ހިމަނަން ޖެހުމަކީ ވެސް ކުރަން ޖެހިދާނެ ކަމެެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

"އެފަދަ ތައްޔާރީތަކުގެ ޕްލޭންތައް މިހާރު މިދަނީ އެކުލަވާލަމުން. މާޗު މަހު އިންތިހާބު ބޭއްވުމަށް ބޭނުންވާ ބަޖެޓު ހޯދުމަށްވެސް އަންނަނީ މަސައްކަތްކުރެވެމުން" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަންނަ މާޗު މަހު މިހާރު މިއޮތް ހާލަށްވުރެ ކޮވިޑުގެ ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ ހާލަތު ރަނގަޅު ނުވިޔަސް އިިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    ވޯޓް ލުމެއްނެތް! ނޯ ގޯތި ނޯ ވޯޓް