ކަނޑިންމަ ރިސޯޓުން އިތުރު ދެމުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއާއިއެކު އެރަށުން ކޮވިޑް-19 އަށް ފައްސިވި މުވައްޒަފުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ.

އެޗްއީއޯސީ އިން ވިދާޅުވީ 12 މުވައްޒަފަކާއި 21 ފަތުރުވެރިއެއް ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން ދެމުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

ކަނޑިންމަ ރިސޯޓްގައި ކޮވިޑް-19 ފެތުރެމުންދާކަން އެނގުނީ ހުކުރު ދުވަހު އެރިސޯޓުން ދ. ކުޑަހުވަދު އަށް ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އޭނާގެ ސުންކު ކޮވިޑް-19 އަށް ފައްސިވިއިރު އޭނާ ވަނީ ނިޔާވެފައެވެ. ނަމަވެސް އޭނާ ކޮވިޑް-19 އަށް ފައްސިވުމުން ކަނޑިންމަ ރިސޯޓް ފުރަބަންދުކޮށް އެރަށުން އިތުރު ސުންކުތަކެއް ނެގިއެވެ. ރިސޯޓުން ނެގި ސުންކުތަކުގެ ތެރެއިން އިއްޔެ 17 ސުންކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ކަނޑިންމަ އިން މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އިއްޔެ ޖުމްލަ 42 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެ ތެރެއިން 17 މީހުންނަކީ ކަނޑިންމަ އިން ފައްސިވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު