ސަރުކާރުގެ ސޯޝަލް ހައުސިންގް ސްކީމްގެ ދަށުން ހަ ރަށެއްގައި ޖުމުލަ 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން އިއުލާނުކޮށްފައި ވަނީ، ބ.އޭދަފުށި، ދ. ކުޑަހުވަދޫ، ދ. މީދޫ، ލ. ގަން، ރ. މަޑުއްވަރި އަދި ށ. ކޮމަންޑޫގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދާށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ، އެ ހައުސިން ޔުނިޓްތައް ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބޭނުންވާކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ރާއްޖެއާއި ބޭރުގެ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތަށް ބީލަން ހުށަހަޅާއިރު ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓުތަކަށްވެސް އަގު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެކަމުގެ ބީލަން ފީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ލ. ގަމުގައި ގާއިމް ކުރަނީ 200 ހައުސިން ޔުނިޓެވެ. އަދި އޭދަފުށީގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ރަށްތަކުގައި ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.