އިއްޔެ އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ ސްރީލަންކާގައި މިއަދު ފަސްދާނުލައިފިއެވެ.

ޑރ،މަޖީދުގެ ހަށިކޮޅު ފަސްދާނުލާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ވެރިރަށް ކޮލަމްބޯގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ.

ޑރ.މަޖީދުގެ ޖަނާޒާގައި ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނި ވަޑައިގަންނަވައެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވުމަށްފަހު ފަހުން އެމްޑީޕީ އާއި ވެސް ޑރ.މަޖީދު ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހި ވަޑައިގަންނަވާތީ އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެންފައެވެ. އޭގެފަހުން ޑރ.މަޖީދު ފަހުން އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާއެވެ.

ޑރ،މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ލަންކާގައެވެ.

ޑރ.މަޖީދު އަވަހާރަވިއިރު އަންބަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަލީމް

    ޑޮކްޓަރ މަޖީދު އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާ އާއިލާއަށް ކެެއްތެރިކަން ދެއްވާށި

  2. މުޙައްމަދު

    ދޮގު ނަހަދާ! އެމްޑީޕީން މަޖީދު ވަކިވެ ވަޑައިގަތީ ސިޔާސަތުތަކާ ހިންހަމަ ނުޖެހޭތީއެއް ނޫން. މަޖީދު ވަކިވެ ވަޑައިގަތީ އަދާލަތްޕާޓީގެ ރައީސް އިމްރާން ހައްޔަރު ކުރެވުމާއި ގުޅިގެން އިމްރާނާއި އެޕާޓީގެ ބައެއް ބޭފުޅުންގެ އެދުމުގެ މަތިން. ޑރ. މަޖީދު އެކަން އިޢުލާންވެސް ކުރެއްވި ހަދާނެއްވޭ މީޑިޔާގަ.

    • އަހު

      ތެދެއް ވިޔާވާނީ ތެދަކަށް

  3. އިލިޔާސް

    ރައީސް ނަސީދުވެސް ބައިވެރިވި.

  4. މުޙައްމަދު

    ސާބަސް މީހަކު މަރުވިޔަސް ބަލާތި އެކަމެއް

    ސިޔާސީ ކުރެވޭތޯ މިއޮތީވާ ގައު މެއް..

  5. ކަލޯގަޔާ

    ޢުސްތާޛު މަޖީދަކީ ޢިލްމްގެ ކަނޑެއް. އެއީ ހުސްވުމެއްނެތް މަތިވެރި ޢިލްމީ ޚަޒާނާޔެއް. ގެއްލިގެން އެދިޔައީ ދިވެހިރާއްޖެ ފަހުގެ ތާރީޚުގައި ދުށް އެންމެ ޢިލްމީ އުސްތާޛު. ކީރިތި ﷲ އުސްތާޛު އަށް ޖައްނަތުލް ފިރުދައުސް މިންވަރު ކުރައްވާ ކަށްވަޅުގެ ޢަޒާބުން މުއްތި ކުރައްވާ މަޙުޟަރުގައި މަތިވެރި ޝަފާޢަތުލް ޢުޟްމާ ދެއްވާދޭވެ!
    އުސްތާޛުގެ ޢާއިލާ ގެ ހުރިހާ ބޭފުޅުންނަށް ގެންލިގެން ދިޔަ އިއްޒަތްތެރި ބައްޕާފުޅު / ފިރިކަލުން ގެ ކުއްލި ވަކިވުމުގެ ހިތާމަތަށް ލުއިކުރައްވާ ހިތްވަރު އިތުރު ކުރައްވާށިއެވެ. އާމީން

  6. Anonymous

    މިތާނގަ ސިޔާސީ ވާހަކަ ޖަހާކައް ނުޖެހޭ ދޯ ވަގުތެއް ކަމަކު.