މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނެތުމަކީވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅުއަޅަން ޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ބެއިތިއްބުމަށް ހާއްސަކޮށްފައި އޮންނަ ދޫނިދޫގައި ތިބޭ ގައިދީންނަށް ސާފު ފެން ނުލިބޭ މައްސަލަ އާއި ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ފިޔަވަޅު އަޅަން ނިންމި ނިންމުމަށް ރައްދުދެއްވަމުންނެވެ.

އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފެނާއި ނަރުދަމާގެ ޚިދުމަތް މީހުންދިރިއުޅޭ ގިނަ ރަށްތަކުގައި ގާއިމްކޮށްފައި ނުވާތީވެސް އެޗްއާރުސީ އެމް އިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެވެސް އިންސާނީ އަސާސީ ޙައްގެއް ކަމަށެވެ.

އެޗްއާރްސީއެމް އިން މިކަމާއި ގުޅިގެން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ދޫނިދޫ ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަމަށާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫންކަމަށް އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

އަދި މި ފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއޭ އާއި ކަމާގުޅޭ މާހިރުން ލަފާ ދެއްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އެ ކޮމިޝަނުން މިއަދު ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަަން ހާމަވެފައިވާ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަަމަށްވެސް ވިދާޅުވެފައި ވެެެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްވެފައި ނުވާ މައްސަލަ ވަނީ ބޮޑުވެ ގިނަބަޔަކު ވާހަކަދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޫދު

    ވެރިކަމަށް އަންނަންވެގެން އިބޫސޯލިޙްވި ވަޢުދުތައް ނުފުއްދާތީވެސް، އޭނައާމެދު ފިޔަވަޅު އަޅަންޖެހޭ.

  2. ކެޔޮޅުއަލީ

    އަލީހުސޭނު ކެންދޫދާއިރާއަށް ކުރިމަތިލީވެސް ރަށުގެތަރަށްގީއަށް މަސައްކަތްކުރުމަށް ވޯޓުދިނީވެސް ރަށްޔަތުން މިމަގުސަދުގަ އެކަމަކު ދެއަހަރު ކެންދޫދާއިރާގައި މަޖުލީހުގައިބޭންދީމާވެސް ކެންދޫގެ ކުޑަ ރަށުގެ ނަރުދަމާ އަޅައެއްނުދިން މިއީ އަލީހުސޭނާދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ވަރުގެ މައްސަލައެއް.