ނޮވެމްބަރު 3، 1998 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހަގީގަތްތައް އޮޅުވާލަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ކައުންސިލް އިންތިހާބުގައި މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާއިން ދިވެހިން ހޯދި ކާމިޔާބީގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ވަރަށް ގިނަ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ބައެއް ކަމަށެވެ.

މި ގޮތުން މުއިއްޒު ފާޙަގަކުރެއްވި އެއް ކަމަކީ އެމްޑީއެންގެ ލާދީނީ ރިޕޯޓެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ ރިޕޯޓް ޝާއިއު ކުރި މީހުނަކީ މި ސަރުކާރުގެ މަދަދުގާރުންނެވެ. އެ މީހުނަށް ސަރުކާރުން ހިމާޔަތް ދީފައިވާ ކަމަށާއި އެ ރިޕޯޓް ޝާއިއު ކުރި މީހުން ވެސް އޮޅުވާލަން އުޅެފައިވާ ކަމަށް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ފެށީ އެމްޑީއެން ރިޕޯޓަކުން، އެ ހަދައިގެން އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ އާއި ޝައްކު އުފައްދަން މަސައްކަތް ކުރި، އޭގެ ހަގީގަތް ވެސް އޮޅުވާލަން މިހާރު މި އުޅެނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހަގީގަތް ވެސް ސަރުކާރުން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އޭރުގެ ދިވެހި ބައެއް ސިފައިންގެ އަގު ދަށްކޮށް އިންޑިއާ ސިފައިންގެ އަގު މަތިކޮށް ވާހަކަ ދައްކާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިޝާރާތް ކުރެއްވި އެއް ކަމަކީ، ނޮވެމްބަރ 03 ގައި ބައެއް ދިވެހި ސިފައިންނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ފިއްލެވީ ކަމަށާއި ރާއްޖެ ސަލާމަތް ކުރީ އިންޑިއާ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ވިދާޅުވުމަށެވެ. ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން މާރިޔާ އަހުމަދު ދީދީ ވެސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެއެވެ.

"މި ސަރުކާރުން މަސައްކަތް ކުރަނީ މި ކަންކަން އޮޅުވާލައިގެން [އިދިކޮޅު ލީޑަރު] ރައީސް ޔާމީން އެކަހެރިކޮށް ޖަރީމާތައް ހިންގަން،" މުއިއްޒު ވިދާޅުވިއެވެ.

ތާރީހުގެ ބައެއް ކަންކަމާއި ލާދީނީ ހަރަކާތްތަކުގެ ހަގީގަތް އޮޅުވާލަން މި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދިވެހި ރައްޔިތުން މިހާރު ކުރިއަށް ވުރެ ކަންކަން ދަންނަ ކަމަށާއި ރައްޔިތުންނަށް އެއިން އެއްވެސް ހަގީގަތެއް އޮޅުވާނުލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އުދުވާނީ ހަމަލާގެ މޭސްތެރިޔާ، ބާޣީ އަބްދުﷲ ލުތުފީ ލަންކާގައި ފިލައިގެން އުޅެނިކޮށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އައުމުން މި ސަރުކާރުން އޭނާއަށް ހިމާޔަތް ދިން ކަމަށް ބުނާ މައްސަލާގައި ވެސް އެ އެއްވުމުގެ ބައިވެރިން ސަރުކާރަށް ފާޑުކިޔާފައިވެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ ޖެނައަރީ 2010 ގައެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގައެވެ.

ނަމަވެސް އޭގެ ނުވަ އަހަރު ފަހުން މިދިޔަ އަހަރު ލަންކާގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފައެވެ.

އެމްބަސީގައި އޭނާ ހުންނަތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް ދިވެހި ސަރުކާރުން މި ކަމެއް ހާމައެއް ނުކުރެއެވެ. ސަރުކާރުން އެ ކަން ހާމަކުރީ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މި ކަން މީސް މީޑިއާގައި ފެންމަތި ކުރުމުންނެވެ.

އެ މައްސަލާގައި ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފައެވެ. އަދި ފިލި މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ދިވެހިން ކުށް ކުރީއެވެ އެގިތިބެގެންނެވެ ބިރަކާނުލާ މަޖާކުރުމަށްޒުވާނުންބޭނުންވީއެވެ ގައުމުގެ ނައު އަމާޒެއް މިސްރާބެއްނެތި ދަތުރުކުރާ ބަޔަކާ ހަވާލު ކުރީއެވެ މުސްލިމުންގެ ލެއިން ކަރުހިއްކުން ފިލުވަމުންދާ ގެރި މޯދީއަށް ދޮންބަންޑާރައިންގެ ލަގަބުވެސް ދިނީއެވެ ނަބިއްޔާއަށް ފުރައްސާރަ ކުރުމަކީ މަޖަލެއްކަމުގައި ދެކި އެކަމުގެ އުފާ ފާޅު ކުރާ ބަޔަކަށް އަތްޖަހާ ހުޝާމަދު ކުރުމަށް އިލްމުވެރިން ނިކުތުމުން ޝައިތާނާ އަތްޖަހާފަ ހެނީއެވެ ފައިސާޔާ މުދަލުގެ ދަހިވެތި ކަމުގައި ގާނޫން ހަދާ މަޖިލީސް ޝައިތޯނުންނަށް ހިބައިން ދީ ނިއްމައިފިއެވެ މިއީ ދިވެހިން ޖީލުތަކަށްވީ އިހުމާލެކެވެ ބޮޑު ކުށެކެވެ ދިވެހިންނަށް ކެރަފާ ނަޝީދު އެގެއެވެ ޢެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެކެވެ މުޅި ގައުމުގައި ބިރުވެރި ރަގަނބީލެއްގެ އަޑު ގުގުމަނީއެވެ ޝައިތާނާގެ ދުނާމާރި ގެ އަޑު ގަދަވުން ދާއިރު ދިވެހިން ތިބެނީ ހީހީފާ އަތްޖަހާށެވެ ޝަހިންދާތައް ގައުމުގައި ވަކި ހިއްޕާ ގައުމު ރޮލުން ކަނީއެވެ ދިވެހިން އަތްޖަހަނީއެވެ

 2. ސަންގު

  މުއީޒް މެންކަހަލަ މީހުން ހާދަ ގަޅިވާހަކައޭ ތިޔަ ގޮވަނީ .ތަންކޮޅެއް ހަރުދަނާ ވެބަލަ.

  3
  4
 3. ނަސްރީ

  ނޮވެމްބަރ 3 ގަ ރާއްޖެ ސަލާމަތް ކޮށްދެއްވީ ޔާމިނު އަބްދުލް ޤައްޔޫމާއި އަބްދުއްރަހީމާއި ޤައްސާނު..... ؟؟؟!!!!!!!😫

  4
  2
 4. ގާދިރު

  މީ ދޮނަބިލަތާ ޖެހުނު އަނެއް ބީތާ މީގެ 32 އަހަރު ކުރީގަ ހިނގާފަ އޮއި ކަމެއް އޮޅުވާލެވޭނެ ގޮތެއް ނޯންނާނެ ކޮންމެސް އެހެންވާހަކައެއް ދައްކަން އުޅޭ

  2
  1
 5. ޖަރަމި

  ދެންއަނެއްކަވެސް އޭނާގެ ކޮއްކޮ ފުވާދު ތައުފީގު އިލެކްސަން ކޮމިސަނަށްލައިގެން ހަޑިހާވަން ފަށާނެ. ނޭނގޭތަ ފުވާދު ތައުފީގަކީ އަބްދުﷲ ލުތުފީގެ އެއްބަޑު ކޮއްކޮ ކަމެއް؟ ހައިރާން ވާނެ ނޭނގުނިއްޔާމު!

 6. ރާގޮޑިރާޖަ

  ޥަޢްކަންތަށް އޮޅުވާލަން މުއީޒުވެސް ތިއުޅުއްވަނީ ރެއާއިދުވާލު ހޭބޯނަޜާ ނޫންތޯ.

  1
  4
 7. ރާއްޖެ

  ދެންދޯ....އަޅެ ކަލޭމެން ހީކުރަނީ އެހެން މީހުންގެ ސިކުނޑި ނުހުންނަ ކަ މައްތަ. .... ގަ މާރު މުއިއްޒު....

  1
  4
 8. ރާއްޖެތެރެ

  ދެންދޯ....އަޅެ ކަލޭމެން ހީކުރަނީ އެހެން މީހުންގެ ސިކުނޑި ނުހުންނަ ކަ މައްތަ. .... ގަ މާރު މުއިއްޒު....

  1
  4