ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް، ރައްިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދު ތަފާތު ކުރުންތައް ގެންގުޅުއްވާ ކަމަށް ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

މިއަދު މަޖިލީހުގައި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ވަނީ، ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އާއި މެދު ސުވާލު ކުރައްވާފައެވެ.

މަޖިލީހަށް އަސްލަމް ހާޒިރުކުރުމަށް ފަހު ދެއްކެވި ވާހަކަތަކުގައި، މަޖިލީހުގެ ބައެއް މެމްބަރުން ބޭނުންވާ ކަންކަން އަވަހަށް ވާ ކަމަށާއި، މެމްބަރުންގެ މެދުގައި މިނިސްޓަރ އަސްލަމް ތަފާތު ކުރައްވާކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެކަމާއި މެދު ސަމާލުވުމަށް މިނިސްޓަރ އަސްލަމް އަށް އިލްތިމާސްކުރައްވާފައެވެ.

"މަތިމަތިން މި ވާހަކަ ދެކެވެން އުޅޭތީހެން އަޅުގަނޑަށް ހީވަނީ. ވަކި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހެޔޮކޮށް ހައްދަވަނީތޯއޭ؟ އެހެން ނުހައްދަވާ. މިކަމުގައި މަޖިލީހުގެ ކުޑަ ދަށުގައި އާއި ތަޅުމުގައި ވެސް ދެކެވޭތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އަސްލަމް ވަނީ އެއްވެސް މެމްބަރަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށް ފާހަގަކުރައްވާފައެވެ.

މިއަދު އަސްލަމް މަޖިލީހަށް ހާޒިރު ކުރީ ބަޖެޓްގައި ހިމެނިފައި ނެތް މަޝްރޫއަކަށް 37.8 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ސޮއިކުރަން ޖެހުނު ސަބަބަކީ ކޮބާތޯ ސާފުކުރުމަށް ވާއިރު މިނިސްޓަރ އަސްލަމް ވަނީ އެ ސުވާލު ސާފު ނުވާކަމަށް ފާހަގަކުރައްވާފައެވެ.

އެ ސުވާލަށް މިނިސްޓަރ އަސްލަމް ޖަވާބުދެއްވި ގޮތާއި މެދު ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސިރާޖް ހުށަހެޅުއްވި ސުވާލުގައި އެއީ ކޮން މަޝްރޫއެއް ކަން ވިދާޅުވެފައި ނެތް ނަމަވެސް އެއީ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ކަން ސާފުވާކަން ފާހަގަކުރައްވާ ސިރާޖުގެ ސުވާލު އިތުރަށް ތަފްސީލްކޮށްދެއްވުމަށް ފަހު، މެމްބަރުގެ ސުވާލަށް އަލުން ޖަވަބުދެއްވުމަށް ވެސް ރައީސް ނަޝީދު އެދިލެއްވިއެވެ.

"އިއްޒަތްތެރި ވަޒީރަށް މެމްބަރު އެ ދައްކަވާ ވާހަކަ ވަރަށް ރަނގަޅަށް ސާފުވާނެ. އެހެންވީމަ ޓެކްނިކަލިޓީއަކަށް ބައްލަވާފަ އެހެން ނުހައްދަވާތި." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މާލޭގައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ކުރިއަށް ގެންދާ "ވެށިފަހި" ޕްރޮގްރާމްގެ ދަށުން ނުދީވަނީ 5 ގޯތިކަމަށާ، އެ ގޯތި ދޫކުރާނީ ވެށިފަހި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ރިޒާވް ލިސްޓަށް ކަމަށް ވިދާޅުވުމުން، ރައީސް ނަޝީދު ވަނީ އެ މައުލޫމާތުގެ ސައްޙަަކަމާއި މެދުވެސް ސުވާލު އުފައްދަވާފައެެ.

" ދެން ތި ވިދާޅުވަނީ 5 ތަނަކަށޭ ނުދެވި އޮތީ. އަޅުގަނޑަށް ހީވަނީ އެހެންވެއްޖެއްޔާ ތިޔަ ބެއްލެވި ބެއްލެވުން ބައްލަވާފައި އޮތީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހެން. ބާތިލް އެހާ ގިނަ ވޭ. އަޅުގަނޑު ހަނދާންވާ ގޮތުން 250 ގޯތި. ދެވިފައި އޮތީ 120 އަކަށް ގޯތި. ހަމައެކަނި 5 ގޯއްޗޭ ވިދާޅުވީމަ އަޅުގަނޑަށް ވެސް ސުވާލު އުފެދޭ." ރައީސް ނަޝީދު ވިދާޅުވިއވެެ.

ރައީސް ނަޝީދުގެ މިހެން ވިދާޅުވުމުން، އަސްލަމް ވަނީ އެ މައުލޫމަތަކީ ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ދެއްވާފައިވާ މައުލޫމަތު ކަމަށާ، އެ މައުލޫމާތު ސައްހަ ނޫންކަމަށް ލަފާކުރެވޭނަމަ އެ މައްސަލަ މަޖިލީހުން ބައްލަވާ ދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެކަން މަޖިލީހުގެ ކޮމިޓީތަކުން ބައްލަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުއްޖެހެރެ

    ހައްތާބެސް ދެއްކުން ތެރިކަން! ލޮލުގައި “ކަނަފަތް” އަޅަނީ!

    6
    1
  2. ސަމްސާ

    އަސލްމަ އައްނިގެ ކޮޅަށް އަރަން ފެނޭ.

  3. އެމަންޖެ

    މީނަޔައް ހެވެއް ނުބައެއް ވަކިކުރަން ނޭގެއިރު ނަސޭހަތަކީ ކޯއްޗެއްކަން އެނގެބާ ފުރަތަމަ.

    4
    1