އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކުރި ހުކުމުގެ ދެބޭފުޅުންގެ ފަރާތުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު ޝަރީޢަތް ޝަރީއަތް މާދަމާ ހައިކޯޓުގައި ފަށަން ތާވަލް ކޮށްފިއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަން ސާބިތުވެގެންނެވެ.

ދެބޭފުޅުންގެ އިސްތިއުނާފު ޝަރީޢަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އަބްދުﷲ ސައީދުގެ އިސްތިއުނާފު ޝަރީޢަތް މާދަމާ ހެނދުނު 10:15 ގައި ފަށަން ތާވަލް ކޮށްފައި ވާއިރު އަލީ ހަމީދުގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 ގައެވެ.

ނުފޫޒު ފޯރުވި މައްސަލާގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެމައްސަލަ އަބްދުﷲ ސައީދު ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އަދި މައްސަލައި ޝަރީޢަތް ތާވަލް ކޮށްފައެއް ނުވެއެވެ.

ފަނޑިޔާރުންގެ ގާނޫނު މިހާރު ބުނާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިިންމަން ޖެހޭނެ އެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ފަނޑިޔާރު ކަމުގެ މަގާމު ގެއްލޭނެއެވެ.