ރައީސް އިބްރާާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތުތައް ދެމުން ދަނީ މާތްވެގެންވާ އިސްލާމް ދީނާ ހިލާފް ވާހަކަތަކަށް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މި ގޮތަށް ވިދާޅުވީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އެންމެ މަތީ ދަރަޖައަށް ކަށަވަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ސައީދު މިއަދު ކުރެއްވި އެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގައި އާންމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމެއްގައި އޯޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހިޔާލު ފާޅުކުރަން ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއީލްއަށް ފުރުސަތު ދިން ހަބަރެއް ވެސް ހިއްސާކުރައްވާފައިވެއެވެ.

މި ހަބަރުތައް ހިއްސާކުރައްވައި ސައީދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގައި ދީނާ ހިލާފު އެމްޑީއެންގެ ވާހަކަތަކަށް ސަރުކާރުން ދަނީ ފާޅުގައި ފުރުސަތު ދެމުން ކަމަށެވެ. އެކަމަކު ސަރުކާރަށް ފާޑުކިޔައި ފާޅު ކުރާ ހިޔާލުތެއް ނިމެނީ "ހަރުކަށި ފިކުރު" ގެ ވާހަކަތަކަށް ނޫނީ ސަރުކާރާ ދެކޮޅު ވާހަކަތަކަށް ކަމަށެވެ.

"ބާކީ އެއްވެސް ހިޔާލެއް ވާނަމަ އޮންނަނީ އެޗްޕީއޭއާއި [ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު] މައިމޫނާ އަބޫބަކުރުގެ އަތްޕުޅުގައި،" ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމުން އެއްވުމަށް ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް އަޅަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވައި ސައީދު ލިޔުއްވާފައިވެއެވެ.

ދާދި ފަހުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ބާއްވާ ކޮންމެ އެއްވުމަކަށް ފުލުހުން ހުރަސް އަޅާފައިވެއެވެ. މިފަދަ ބައެއް އެއްވުންތަކުގައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްއިން ފެށިގެން އެކްޓިވިސްޓުން ވެސް މާސްކް އެޅުން ފަދަ ސިއްހީ ގައިޑްލައިންތަކަށް އަމަލު ކޮށްފައި ނުވާތީ އެ ބޭފުޅުން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ވެސް ފުލުހުން ރުޅާލައި ބަޔަކު ހައްޔަރުކޮށް ދޫކޮށްލިއެވެ. މި އެއްވުން ރޭވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން ޗިޓް ވެސް ފޮނުވާފައިވެއެވެ.

ނަސްރުގެ ދުވަހުގެ ޖަލްސާއެއް ބާއްވަން އިދިކޮޅުން އެންމެ ފުރަތަމަ އެދުނީ ކާނިވާ ސަރަހައްދެވެ. ޖަލްސާއަށް އެޗްޕީއޭއިން ހުއްދަ ނުދިނުމުން ކޯލިޝަންގެ އޮފީސް ދޮރު ކުރިމަތީ އެއްވުމެއް ބޭއްވީއެވެ. މިދިޔަ އަހަރު ވެސް އެކި ސަބަބުތައް ދައްކައި ކާނިވާގައި ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅުން ޖަލްސާއެއް ބާއްވަން އެދުމުން ހުއްދަ ދީފައެއް ނުވެއެވެ. އޭރު ކޮވިޑް-19 ގެ ބަލިމަޑުކަމެއް ވެސް ނެތެވެ.