"ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރީ ބިނާ ކުރަމުންދާ ލަގްޒަރީ ފްލެޓްތަކުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރަމުން އަންނަ ހަންބޯ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މަމްދޫހް (މަންޑޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޭޕާކްގެ މަސައްކަތް އަލުން ފަށަން ވާން ޖެހޭ ތައްޔާރީތައްވެ މިއަދު ވަނީ އެޗްޑީސީގެ ވެރިންނާ ބައްދަލުކޮށް ތަފްސީލްތައް ދީފައި ކަމަށެވެ. "އިރާދަކުރެއްވިޔާ މި މަހުގުގެ 18 ގައި މަސައްކަތް ފަށައި ލަހެއް ނުވެ މުޅި ޕްރޮޖެކްޓް ނިންމާލެވޭނެ" މަންޑޭ ވިދާޅުވިއެވެ.

ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ މިހާރު %74 މަސައްކަތް ނިމިފައިވާ މަޝްރޫއުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ކުރިން ނިންމާ، މީހުންނަށް ދިރިއުޅެން ވަދެވޭވަރު ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ޝެޑިއުލް ކޮށްފައި އޮތީ އޭޕްރީލް މަސް އަންނަން ވާއިރަށް މީހުންނަށް ވަދެވޭވަރު ކުރުން. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ އޭގެ ކުރިން މަސައްކަތް ނިންމާ ކަސްޓަމަރުންނަށް އިމާރާތް ބޭނުން ކުރެވޭވަރު ކުރުން." އޮފިޝަލް ވިދާޅުވިއެވެ.

14 ފަންގިފިލާ އަށް ހަދާފައިވާ ކޭޕާކް ރެސިޑެންސްގައި 110 އެޕާޓްމަންޓް ހުންނާނެއެވެ. އެތަނުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓެވެ. މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ފަންގިފިލާއެއްގައެވެ. އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ހާއްސަ ކޮށްފައި ވާއިރު ފުރަތަމަ ދެ ބުރި ކޮމާޝަލް އެކްޓިވިޓީތަކަށް ވަނީ ހާއްސަ ކޮށްފައެވެ.

މީގެ އިތުރުން ކޭޕާކް ރެސިޑެންސްގެ ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް ވެސް އޮންނާނެއެވެ. އަދި ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތަކާއި ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް ވެސް މިތަނުގައި ހުންނާނެއެވެ.

2017 ގައި މަސައްކަތް ފެށި މިމަޝްރޫއު ނިންމަން ތާވަލް ކުރީ މިއަހަރުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޯ ޓްރަސްޓް

    މަންޑޭގެ ޓްވިޓާގަ ވަގުތު ޓެގް ކޮއްފަ ނެތީ އިތުބާރު ނުކުރާތީބާ؟

    1
    3
  2. ރައްޔިތު އަހުމަދު

    އެފްއޭއެމް އިމާރާތުގެ އެޑްވާންސް ފައިސާ ލިބުނީތޯ. ކޭޕާކަށް މީހުން ދެއްކި ލާރި ތަޅާބުރުވައިފި.

    10
    3