ކ.އަތޮޅު މާފުށިން އިތުރު ދެފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެމަފިރިންނެވެ. އެމީހުން ފައްސިވީ މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ފަހު ރާއްޖެ އިން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރުއެވެ. ދެފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވުމާއި އެކު އެމީހުން ވަނީ އައިސޮލޭޓް ކޮށްފައެވެ.

އަދި މިހާރު އެމީހުންނާއި ގާތުން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މާފުށިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ހުއްދަ ދީފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ. މި ހުއްދަ މިހާތަނަށް ދީފައި ވަނީ 53 ގެސްޓް ހައުސްއަކަށެވެ. މިއީ 5 އަތޮޅެއްގައި ހިންގަމުން އަންނަ ގެސްޓް ހައުސްތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގެސްޓް ހައުސްތައް ހުޅުވާލި ފަހުން މި މަހުގެ 1 ވަނަ ދުވަހާއި ހަމައަށް 1،210 ފަތުރުވެރިން ރާއްޖޭގެ އެކި ގެސްޓް ހައުސްތަކުގައި ޗުއްޜީ ހޭދަކޮށްފައި ވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް މާފުއްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު