އައިޖީއެމްއެޗާ ދިމާލު ބޭރުން މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަނބުރާ ރާއްޖެ ގެނެސް، މިރޭ އިޝާ ނަމާދަށް ވަޅުލާ ގޮތަށް ނިންމައިފިއެވެ.

ސިދުރަތުﷲގެ ކަށުނަމާދުވެސް މިރޭ އިޝާނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ނަތީޖާ އަދި ފުލުހުން ހަމައެއް ނުކުރެއެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމްއެއް ހަދަން ފުލުހުން ނިންމީ އޭނާ ނިޔާވި ސަބަބު ކަށަވަރު ކުރުމަށެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ.

ސިދުރަތުﷲ މޫދުގައި ނިޔާވެފައި އޮއްވައި ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ހެނދުނު 09:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ރަސްފަންނާ ދިމާލަށް މޫދަށް ފޭބި ވީޑިއޯއެއް ފުލުހުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާ އިރު ސިދުރަތުﷲ ގެ އާއިލާއިން އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އީތޭން

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
    އެ ކުއްޖާޔަށް ސުވަރުގޭގެ ދާއިމީ ނިއްމަތް ދެއްވާ، އާއިލާ އަށް ކެއްތެރިކަން ދެއްވާށި. އާމީން 💔

    33