އައިޖީއެމްއެޗާ ދިމާލު ބޭރުން މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަނބުރާ ރާއްޖެ ގެނެސް، ވަޅުލައިފިއެވެ.

ސިދުރަތުﷲގެ ކަށުނަމާދު ކޮށްފައިވަނީ އިޝާނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ސިދުރަތުﷲ ނިޔާވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހެނދުނު 09:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ނަތީޖާ އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް އެއް ހަދަން ފުލުހުން ނިންމީ އޭނާ ނިޔާވި ސަބަބު ކަށަވަރު ކުރުމަށެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ.

ސިދުރަތުﷲގެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާ ރަސްފަންނާ ދިމާލަށް މޫދަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކޮށްފައެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާ އިރު ސިދުރަތުﷲ ގެ އާއިލާއިން އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    މާތްﷲ ފާފަ ފުއްސަވާ ސުވަރުގެ ދެއްވަވާށި އާއިލާ އާ ރަހުމަތްތެރިންނަށް ކެއްތެރިކަން ދެއްވަވާށި އާމީން

    112
    2
    • Anonymous

      އާމީން

  2. ފާތުމަ.

    ތިޔައީ ފުލުހުނަމް ކުރިކަމަކާ މިގާރު ވައްތަރުވާން ފަށައިފި.

    5
    3