ރ. އުނގޫފާރުގައި ޒުވާނަކު ދަން ޖެހިފައި ހުއްޓައި ފެނިއްޖެއެވެ.

އުނގޫފާރު ކައުންސިލުން ވިދާޅުވީ، ދަން ޖެހިފައި ހުރި ޒުވާނާ ފެނިފައިވަނީ މިއަދު ހެނދުނު 11:00 ޖަހާކަން ހާއިރު ކަމަށެވެ.

އެރަށު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސަސް އިބްރާހިމް ޒަޔާން "ވަގުތަށް" ވިދާޅުވީ، ދަން ޖެހިފައި ހުއްޓާ ފެނިފައިވާ އެ ޒުވާނާ އަކީ އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ނަރުހުންނާއި ޑޮކްޓަރުން އެތަނަށް އެމްބިއުލާންސްގައި ގޮސްގެން މެންދުރު 12:45 ހާއިރު ކަމަށވެެ.

ޒަޔާން ވިދާޅުވީ، ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރު އޮތީ މަރުވެފައި ކަމަށެވެ.

މިހާރު ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުން ބާއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިޓަރުގެ ނޯޓު:
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސަފަރު

  އެޑިޓަރުގެ ނޯޓް ފެނުމުން ހިތްހަމަ ޖެހިއްޖެ. ދަން ޖެހޭ ކޮންމެ މީހަކީ ލާދީނީ މީހެއް ނޫން. ނަފްސާނީ މައްސަލަތަކަކީ ފަސޭހައިން ޝިފާ ހޯދޭ ބަލިތަކެއް ނޫން. ހާއްސަކޮށް ރާއްޖެ ފަދަ ޤައުމެއްގަ މެންޓަލް ހެލްތް ކިޔާ އެއްޗެއް ނުވެސް އޮވޭ އެއީ ބޯދާ ވާހަކައެއް

  10
 2. މީހާ

  ފަރުވާ އަކީ އިސްލާމީ އަޤީދާ ވަރުގަދަކުރުން.

  3
  2