ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އަދުލް އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފަިއވާ ގޮތުގައި މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްފައި ވަނީ މޫސުން ގޮސްވެ ކަނޑުގަދަވެފައި ވާތީ ރައީސް މައުމޫން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

މިއަދު 11:00 އަށް ޝަރީޢަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލް ކުރިއިރު ފަނޑިޔާރު އަލީ ހަމީދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ ޝަރީޢަތް ވެސް މިއަދު 11:00 ގައި ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.

ރައީސް މައުމޫން އާއި ދެފަނޑިޔާރުން ފޯނު ފުލުހުންނަށް ދޭން އިންކާރު ކުރެއްވި މައްސަލައިގައި އުފުލާފައިވާ އަދުލް އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. އެހެންކަމުން މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުމަކީ މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމެވެ.

މީގެ ކުރިން ވެސް ރައީސް މައުމޫން ކޯޓަށް ހާޒިރު ނުކުރެވިގެން ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނުގެ ޝަރީޢަތް މަޑުޖައްސާލަން ވެސް ވަކީލުން ވަނީ ކޯޓުގައި އެދިފައެވެ. ނަމަވެސް ފަނޑިޔާރު ނިންމަވާފައި ވަނީ ރައީސް މައުމޫންގެ މައްސަލަ މަޑުޖައްސާލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.