ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ގައިގައި ތަޅައި މާރާލުމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީ އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އިބްތިހާލަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އަނިޔާ ދެމުން ދެމުން މަރާލާފައިވަނީ 2015 ގައެވެ. އެ މައްސަލާގައި އޭނާގެ މަންމައަށް ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އުފުލިއެވެ. އެކަމަކު ޝަރީއަތުގައި މައްސަލަ ހިނގަމުންދާ ފަސް އަހަރުވީއިރު ވެސް އެ މައްސަލާގައި ހުކުމެއް ކަނޑައެއް ނާޅައެވެ.

"ދިވެހިރާއްޖޭގެ އަޑު" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝަމީމް ވިދާޅުވީ އިބްތިހާލްގެ މަންމައަށް ގާނޫނީ ވަކީލު ކަން ކޮށްދެއްވީ ހިލޭ ސާބަހަށް ކަމަށެވެ. އެ ގޮތަށް އެ ކަން ކުރެއްވީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އާފިޔާގެ މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޝަރީއަތް ލަސްވާތީ އެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިބްތިހާލް މަރުވި މައްސަލައިގައި އިބްތިހާާލްއަށް ވެސް އަދި އާފިޔާއަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އާފިޔާއަށް އިންސާފު ލިބުމަކީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ނަމަ އަވަހަށް ޝަރީއަތް ނިމި ހުކުމް އިއްވުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިންސާފު ލިބޭނީ މައްސަލައިގެ ދެ ފަރާތަށް ވެސް އިންސާފު ލިބިގެން. އިބްތިހާލްއަށް ވެސް، އިބްތިހާލް މަރާލި ކަމުގެ ތުހުމަތު ކުރެވޭ [އިބްތިހާލްގެ] މަންމައަށް އިންސާފު ލިބިގެން، އެއީ ކުށް ސާބިތުވާނަމަ އަވަހަށް އެ ކަން ވެސް ނިންމުން،" ޝަމީމް ވިދާޅުވިއެވެ.

އިބްތިހާލް މަރުވި މައްސަލައިގެ ތަހުގީގުގައި ވެސް އާފިޔާ ކުށަށް އިއުތިރާފްވިއެވެ. އިބްތިހާލްއަށް ކުރި އަނިޔާތައް ތަފްސީލްކޮށް ކިޔައިދިނެވެ. އަދި މަރާލީ އިބްތިހާލްއަކީ "ބައްޕަ ނެތް ކުއްޖަކަށް" ވާތީ ކަމަށް ވެސް ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ވެސް ފުރަތަމަ އެ ކަމަށް އިއުތިރާފްވިއެވެ. އެކަމަކު ފަހުން ރާގު ބަދަލުވެ، ކުށަށް އިންކާރު ކުރިއެވެ. އިބްތިހާލްއަށް އެއްވެސް އަނިޔާއެއް ނުދޭ ކަމަށް ބުންޏެވެ. ކުރިން އަނިޔާ ދިން ކަމަށް ބުނީ ބަޔަކު ބިރު ދައްކައި މަޖުބޫރު ކުރުމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލި މުލައް

    ޕީޖީ ސަމީމު ލަދެއްނުގަނޭތަ އިބްތިހާލޭ ކިޔަން.
    ބަލަ ތީ އާފިޔާގެ ދިފާއުގަ ނުކުތްމީހެއްނު ދެން އިބްތިހާލަށް ލިބޭނީ ކޮން އިންސާފެއް.

    7
    1