އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑަން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން މަރުހަބާ ކިޔައިފިއެވެ.

ޕީޕީއެމުން ކުރި ޓުވީޓެއްގައި ބުނީ އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު އިންތިހާބީ ރައީސް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހާރިސް، ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި ޕީޕީއެމުން ބޭނުން ވަނީ މުހިންމު މައްސަލަތަކުގައި މަޝްވަރާކޮށް، ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވުމާ ގުޅިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ވެރިން ދަނީ މަރުހަބާ ދަންނަވަމުންނެވެ. ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވީ 279 އިލެކްޓޯރަލް ވޯޓް ކަށަވަރު ކުރައްވައިގެންނެވެ. ބައިޑެންއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ.

ބައިޑެން ވަނީ 1973 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަައަށް އެމެރިކާގެ ސެނެޓް މެންބަރުކަން ކުރައްވާފައެވެ. ސެނެޓްގެ މެންބަރުކަން 36 އަހަރު ކުރެއްވުމަށް ފަހު ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އޭނާ ހުންނެވިއެވެ.

ބައިޑެން ވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގެ އެންމެ އިސްސަފުގައި 44 އަހަރު ދުވަހު މަސައްކަތް ކުރައްވައިފައެވެ.

އުމުރުން 77 އަހަރުފުޅުގެ ބައިޑެން މަތީ ތައުލީމް ހާސިލް ކުރެއްވީ ޤާނޫނީ ދާއިރާއިންނެވެ. އޭނާ ފާހަގަ ކުރެވުނީ ވަރުގަދަ ޑިޕްލޮމެޓެއްގެ ގޮތުގައެވެ. ހާއްސަކޮށް ސެނެޓްގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ދިގު މުއްދަތެއް ވަންދެން ބައިޑެން ކުރެއްވި މަސައްކަތްޕުޅަށް ގިނަ ބައެއްގެ ތައުރީފް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނޑޭ

    ގުޅެން ނޫޅޭ. ހެޔޮނުވާނެ. އަނެެއްކާ ރާއްޖެ އިތުރަށް ފަލީހަތް ކުރަން ނޫޅޭ

    4
    13
  2. ބަކުރު

    ދެން މިރާއްޖޭގައިވެސް މިހިރަ ރައީސް ޓުރަމްޕަށްވިހެންވާނީ ދުނިޔޭގެ އެންމެބާރުގަދަ ސިޔާސީޕާޓީ ކޮވިޑު19 ގެ ދުއްޕާނުގެ ކިބައިން ސަލާމަތެއްނުވިތާ އިންޑިއާގެ އަޅުވެތިކަމުންވެސް ސަލާމަތެއްނުވި ވާނީވެސް އެހެންތާ ހޯދިފައިސާ މިވަނީ ނުފޫޒަކަށް ބަދަލުވެފަވިއްޔަ.