މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބުރިޖުގެ އައިބީމްތައް ހުޅުމާލޭ ކޮޅުން ވެސް ހަރުކޮށް ނިމިއްޖެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުލޭ ކޮޅުން އެފްރޯޗް ބުރިޖުގައި އައިބީމްތައް ހަރުކޮށް މިހާރު ނިމިފައިވާ ކަމަށާއި މާލޭގެ ކޮޅުން އެޕްރޯޗް ބުރިޖު މިމަސް ނިމޭއިރު މައިތަނބާއި ގުޅާލާނެ ކަމަށެވެ.

މިނިސްޓަރު ރޭ ވެސް ވިދާޅުވީ ބުރިޖުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތައް ކުރިއަށްދާ ކަމަށެވެ.

ބުރިޖުގެ ބޮޑެތި މަސައްކަތްތައް ޖުލައި މަހުގެ 09 ވަނަ ދުވަހަށް ނިމޭނެ ކަމަށް މިނިސްޓަރު މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ. އެއަށް ފަހު ދެން އޮންނާނީ ދިއްލުންތައް ހަރުކުރުން ފަދަ ކުދިކުދި މަސައްކަތްތަކެވެ.

ބުރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. ނަމަވެސް އޭގެ ކުރިން ބުރިޖު ނިންމައި، ޖުލައި 26 ގައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ބުރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ބުރިޖުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާއިރު ބުރިޖާއި ގުޅޭ މަގުތައް ފުޅާކޮށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު