ފިޝަރީޒް މިނިސްޓްރީން ކަނޑައެޅި ކަޅުބިލަ މަހާއި ކަންނެލި ގަނެވޭ އެންމެ ދަށް އަގުގެ ސަބަބުން އަގު އިތުރަށް ދަށްވާ ހާލަތްތައް މެދުވެރިވެއްޖެ ކަމަށް ބުނެ އެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަށީގެންވާ އަދަދަކަށް މަސްވެރިންނަށް ކަންނެލި ބޭނިއްޖެނަމަ ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށް ކުރާ ކަމަށެވެ.

މި ކަމުގެ ސަބަބުން އޮޑިވެރިންނާއި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އިތުރު ގެއްލުންތަކެއް ލިބޭ ކަމަށް އެ ގަރާރުގައިވެއެވެ. އޭގެ އިތުރަށް އެތައް ދުވަހެއް ކިޔޫގައި ތިބެ ކިރާ މަސްކޮޅަށް ފައިސާ ލިބުން ލަސްވުމާއި އެތައް ދުވަހެއް ކިޔޫގައި ތިިބެން ޖެހިގެން މަސް ނުކުރި އެތައް ގެއްލުމެއްވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެހެންވެ އެ މައްސަލަތައް ހައްލު ހޯދައި ދިނުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. އަދި މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެ އިންތިޒާމަކާާއި ވަގުތުން މަހަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، އަގުގެ ކަންކަން ވެސް މަސްވެރިންނަށް ފައިސާ ވާނެ ގޮތަށް ނިޒާމެއް ގާއިމް ކުރަން ގަރާރުގައި ގޮވާލާފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުގައި 1.5 ކިލޯއާއި އެއަށް ވުރެ ބޮޑު މަސް ގަންނަން ޖެހޭނީ ކިލޯއެއް މަދުވެގެން 13 ރުފިޔާއަށެވެ. އަދި 1.5 ކިލޯއަށް ވުރެ ކުޑަ މަހެއް ގަނެވޭނީ ކިލޯއެއް މަދުވެގެން 5.15 ރުފިޔާއަށް ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ބަދަލަށް އަމަލު ކުރަން ފަށާފައިވެއެވެ.

މަސްވެރިންނަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިވުމާއި މަސް ކިރަން ކިޔޫގައި ގިނަ ދުވަސްތަކެއް ވަން ތިިބެން ޖެހުމާއި މަސް ނުކުރި މަސް އުކާލަން ނޫނީ އަގެއް ނެތް ގޮތަށް ބަހާލަން ޖެހުމާާއި މަސް ކިރިއްޖެނަމަ ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބުމާއި ވިއްކި މަސް ސަރުކާރުގެ ކުންފުނިތަކުން ދިނުން ލަސްވެ އެތައް ދުވަހެއް ވުމަކީ މަސްވެރިންގެ ތެރޭގައި އާންމު ޝަކުވާއެކެވެ. މިހާތަނަށް އެއްވެސް ސަރުކާރަކަށް ވެސް މި މައްސަލަތަކައް ހައްލު ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެވިފައެއް ނުވެއެވެ،